ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ "ދިވެހި ފިލްމު އެވޯޑްސް" މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް އިން މިއަދު ނެރުއު އިޢުލާނެއްގައި ބުނެފައިވަނީ މި އެވޯޑްގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ 2017 އަދި 2018 ވަނަ އަހަރު ރިލީޒްކޮށްފައިވާ ފިލްމުތަށް ކަމަށެވެ.
އެގޮތުން "ދިވެހި ފިލްމު އެވޯޑްސް 9" ގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައި "ދިވެހި ފިލްމު ފެސްޓިވަލް އާއި ފިލްމު އެވޯޑްސް" ގެ އުޞޫލް އާއްމުކޮށް ވަނީ އިޢުލާންކޮށްފައެވެ. މި އުޞޫލުގައިވާ ފެސްޓިވަލްގެ ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ދިވެހި ފިލްމު އެވޯޑްސް 10" ން ފެށިގެން ކަމުގައިވެސް އެފަރާޓުން ވަނީ ބުނެފައެވެ.
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު އެވޯޑްސް 9 ގައި ފިލްމު ބައިވެރިކުރުމުގެ އެންމެ ފަހު ތާރީޚަކީ 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތު ދުވަހުގެ 13:30 އެވެ. މިއެވޯޑުގެ އުޞޫލް އަދި ބައިވެރިވުމަށް އެދޭ ފޯމް އެން.ސީ.އޭގެ ކައުންޓަރުންނާއި ވެބްސައިޓް www.nca.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެވުމަށް 3344667 ނަންބަރު ފޯނާއި ގުޅުއްވުމަށް އެފަރާތުން ވަނީ އެދިލައްވާފައެވެ.
2017 ވަނަ އަހަރު ރިލީޒްކޮށްފައިވާ ފާހަގަ ކޮށްލެވޭ ބައެއް ދިވެހި ފިލްމު ތަކުގެ ތެރޭގައި ނޯޓީ40، ވިޝްކާ، ހައްދު، މީ ލޯތްބަކީ އަދި ބޮސް ހިމެނެއެވެ.



