އަންނަ އެޕްރީލް ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް ބަލިވެފައިވާ ކެނޑިޑޭޓުން، އަމިއްލަ ގޮތުން ކުރިމަތިލާނަމަ އެފަރާތްތަކާ މެދުގައި ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް، މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ، އެމްޑީޕީއަކީ ޕާޓީގެ އެތެރޭގެ ވަކި އުސޫލުތަކަކާއި، ހަމަތަކެއް ގެންގުޅޭ ޕާޓީއެއް ކަމަށެވެ.
ޕްރައިމަރީން ބަލިވި ފަރާތްތަށް އަމިއްލަ ގޮތުން ކުރިމަތިލެވޭގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ މެދުގައި ހައިރާންވާކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.
"ސުޕްރީމް ކޯޓުން ކުރި ހުކުމާމެދު ހައިރާންވޭ، ޕްރައިމަރީން ބަލިވި ފަރާތްތަށް އަމިއްލަ ގޮތުން ކުރިމަތިލާނަމަ ޕާޓީން މަޝްވަރާ ކުރުމަށް ފަހު އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން. އޭގެ ތަފްސީލް ޕާޓީގެ ލީޑަރޝިޕުން މަޝްވަރާ ކުރެއްވުމަށް ފަހު ހާމަކުރާނަން،" އަފްޝަން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރި ހުކުމާއެކު މަޖިލިސް އިންތިޚާބުގެ ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނަށް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރުމުގެ ފުރުޞަތު ފަހިވުމާ ގުޅިގެން، އެފަދަ ފަރާތަކުން ވާދަކުރާނަމަ އެމްޑީޕީން ފިޔަވަޅު އަޅާނެކަމަށް ބުނިއިރު، އެފަދަ ފަރާތްތަކަށް ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު އަންނަ މާރޗް މަހުގެ 4 ވަނަ ދުވަހަށް އިތުރުކުރުމަށް ކޯޓުން ވަނީ އަންގާފައެވެ.