ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ބަޔާން މިއުނިކުން 7 ލަނޑު ޖަހާ ޓޮޓޭންހާމް ލަދު ގަންނަވާލައިފިއެވެ.
ރަށުން ބޭރުގައި ބަޔާންއިން ކުޅުނު މިމެޗު އެކްލަބުން ކާމިޔާބުކޮށްފައިވަނީ 2-7 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 12 ވަނަ މިނަޓްގައި ސޮން ކާމިޔާބުކޮށްދިން ލަނޑާއެކު ޓޮޓޭންހާމްއިން ލީޑު ނެގިނަމަވެސް، ކިމިޗް އަދި ލެވެންޑޯސްކީގެ ލަނޑުތަކާއެކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާންއިންވަނީ ނަތީޖާ އަނެއްކޮޅަށް އަނބުރާލާފައެވެ.

ގިނަ ބަޔަކު ހީކުރީ ގޮތާއި ޚިލާފަށް މެޗުގެ ދެވަނާ ހާފުގައި ގިނަ އަދަދެއްގެ ލަނޑުތަކެއްވަނީ ފެނިގެންގޮސްފައެވެ. ވަރުގަދަ މޮޅު ކުޅުމެއް ދައްކަމުންއައި ބަޔާންކޮޅަށް ދެވަނަ ހާފުގައި ޓޮޓޭންހާމްއަށް އެއް ލަނޑު ޖެހުނުއިރު، ބަޔާނުންވަނީ ދެވަނަ ހާފުގައި 5 ލަނޑު ކާމިޔާބުކޮށްފައެވެ.
ބަޔާންއިން ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑުތައް ޖަހާދީފައިވަނީ ކުރިން އާސެނަލްއަށް ކުޅުނު ސާޖް ނާބްރީ އާއި ލެވެންޑޯސްކީއެވެ. ނާބްރީވަނީ ދެވަނަ ހާފުގައި 4 ލަނޑު ޖަހާފައެވެ. އަދި ޗެމްޕިއަންސް ލީގު މެޗެއްގެ ދެވަނަ ހާފުގައި ހަތަރު ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއަކަށްވެސް ނާބްރީވަނީ ވެފައެވެ.
ޓޮޓޭންހާމްގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީފައިވަނީ ހެރީ ކޭންއެވެ.
މިހާ ތަފާތު ބޮޑު ނަތީޖާއަކުން ރޭ ޓޮޓޭންހާމް ބަޔާން އަތުން ބަލިވިއިރު، މިއީ ޔޫރަޕްގެ މުބާރާތެއްގައި އިނގިރޭސި ކްލަބެއް އަމިއްލަ ދަނޑުގައި ކުރިމަތިވި އެންމެ ތަފާތު ބޮޑު ބައްޔެވެ.



