ފަރުވާކުޑަކުރަންޏާ ސިވިލް ސަރވިސް އަކަސް ކަނޑާލެވޭނެ، ކަނޑާލަންވެސްޖެހޭ - ޤާސިމް

ފަރުވާކުޑަކުކޮށް، ޤާނޫނީ އިމުން ބޭރުވާކަމަށް ވަނީނަމަ، ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ކަނޑާލެވޭނެ ކަމަށާއި، ކަނޑާލަންވެސް ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ، ޓްރާންސްޕޯޓް މިނިސްޓަރުގެ ފިރިކަލުން ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހީމް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް ރޭ މ.ކުނޫޒްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ، ތަނެއްގައި ހުންނަ ވެރިއެއްގެ ފަރާތުން ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު މަސައްކަތް ކުރަން ގޮވާލައި، ގަޑިތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ގަޑިއަށް އައިސް މަސައްކަތްކުރަން ބުނަން ފަށައިފިއްޔާ އެ ވެރިޔަކު ދެކެ އާއްމުކޮށް އެތަނެއްގައި އުޅޭ ގިނަ މުވައްޒަފުންތަކެއް ރުޅި އައިސް ފޫހި ވާނެ ކަމަށެވެ.

"މިނިސްޓަރަކު މިނިސްޓްރީގައި ތިބި މުވައްޒަފުން އިޙްލާސްތެރިކަމާއެކު މަސައްކަތް ނުކުރަންޏާ، ގަޑިއަށް ބަރާބަރަށް ނާންނަންޏާ އެވާހަކަ ވިދާޅުނުވެ ނުވަތަ އެކަން ރަނގަޅު ކުރަން ނޫޅެންޏާ ދެން ކާކުތޯ އެކަން ރަނގަޅުކުރަން ނިކުންނާނީ؟ ރައީސުލްޖުމްހޫރިއްޔާތޯ ވަޑައިގަންނަވާނީ؟ ރައީސުލްޖުމްހޫރިއްޔާ ވަޑައި ނުގަންނަވާނެ ދެއްތޯ!" ހިނިފުޅުވަޑުވަމުން ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި "އަމާބުނީތީ ފަރަށްދާހެން" މަސައްކަތްކުރަން އާއްމު ކަމަށާއި، އޮފީހަށް އައިސް ސޮއިޖަހާލާފައި ދެވުނީމާ ނިމުނީކަމަށް އަދި މަސައްކަތުގައި ބައިވެރި ނުވިޔަސް މުސާރަ ލިބުނީމާ "ވަރިހަމަ" ކަމަށް ދެކޭ މީހުން ގިނަ ކަމަށެވެ.

"މިއަދު ޓްރާންސްޕޯޓް މިނިސްޓަރަށް މި މައްސަލަ ދިމާވެގެން އެބަދޭ. މިމީހުން ސޯޝަލް މީޑިއާގައި ފަތުރަމުން ދިޔަ ދިޔުމުން މިފަހަރު ގޮވީ ހަމަ އަތަށް. އެހެން ނޫންތޯ! ވަރަށް ބޮޑަށް ގޯސްކޮށްލާނަމޭ ހީކޮށްގެން އެކަމަނާ ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯ ނެރުނުހާއިރުން ވީގޮތަކީ ރައްޔިތުންގެ ރުހުމާއި ލޯބި މިލިބުނީ. އެއީ އެކަން ވާނެގޮތް." މިނިސްޓަރ ނަހުލާގެ ދިފާއުގައި ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލިން ދެއްތޯ މޭވާ ނާޅާ ގަހަކަށް ބައްޅިއެއް ނޫކާނޭ، އެހެންވީމާ ކަންތައްތައް ކުރެވޭ މީހަކަށް ކުރެވޭތީ މަސައްކަތް ކުރާ މީހަކާ ދިމާލަށް މިދެންނެވިގޮތަށް ދިމާކުރުންތައްވެސް ހުންނާނެ. ސިޔާސީގޮތުންވެސް މިވެސް ބޮޑު ރޭހެއްގެ ތެރޭގައި ކަހަލަ ގޮތަކަށް މިއުޅެވެނީ." ޓްރާންސްޕޯޓް މިނިސްޓްރީގެ މައްސަލައަށް އިޝާރާތްކޮށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ބައެއް މީހުންގެ ވިސްނުމުގައި ހުންނަނީ ސިވިލް ސަރވިސްގެ މުވައްޒަފުން އުޅޭނެހޭ ގޮތަކަށް އުޅުނަސް ވަޒީފާއިން ވަކި ނުކުރެވޭނޭ ކަމަށް ކަމަށާއި، ނަމަވެސް އެއީ ގޯހެއް ކަމަށެވެ.

"އެމީހުންނަނީ ކަނޑާނުލެވޭނެ ބައެއް ނޫނޭ އިނގޭތޯ! އެމީހުން ވަކިވެސް ކުރެވޭނެ. ފަރުވާކުޑަކުރަންޏާ ހެދިފައި ހުރި ޤާނޫނާއި ގަވާއިދުތަކުގެ އިމުން ބޭރުވާކަމަށްވަންޏާ އެމީހުން ބޭރުވެސް ކުރާނެ. ބޭރުކުރަންވެސް ޖެހޭނެ. އެއީ ޤަބޫލުކުރަންއޮތް ހަޤީޤަތަކީ." ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަކިކުރަން އުޅޭ މައްސަލައަށް އިޝާރާތްކުރައްވައި ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމް ރޭ އިތުރަށް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ކޮރަޕްޝަނުގެ ވާހަކަތަކަކީ ދޭދޭ ފަރުދުން އެއްތަންވާ ކޮންމެ ތާކު އަދި ގޯޅިތަކުގެ ކަންމަތީގައިވެސް ދެކެވޭ ވާހަކައެއް ކަމަށާއި، އެފަދަ ކަމެއްގައި މިނިސްޓަރ ނަހުލާ ބައިވެރިވެވަޑައި ނުގަންނަވާނެކަމަށް ޔަޤީންކުރައްވާ ކަމަށެވެ.

އެއްވެސް މީހަކަށް އަނިޔާއެއް ދޭން މިނިސްޓަރ ނަހުލާ މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެ، ޤާސިމް ވަނީ އެކަމަނާގެ މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ތައުރީފްކޮށް، ޝުކުރާއި އައްސަރިބަހާއި ސާބަސް ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ