އޮންލައިން ނޫސް "ސީއެންއެމް" ގައި ޝާއިޢުކުރި ޚަބަރަކާއި ގުޅިގެން އެ ނޫހާއި މެދުގައި ފިޔަވަޅު އަޅައިދިނުމަށް ޖުމްހޫރީ ޕާޓީ އިން މޯލްޑިވްސް މީޑިއާ ކައުންސިލްގައި އެދެފިއެވެ.
ސީއެމްއެމް އާއި މެދު ފިޔަވަޅު އަޅައިދިނުމަށް ޖުމްހޫރީ ޕާޓީން އެދިފައިވަނީ، "ޤާސިމް އިބްރާހީމްގެ ރަހުމް ކުޑަ އިންޒާރެއް ސިވިލް ސާވަންޓުންނަށް" ގެ ސުރުހީގައި އެ ނޫހުގައި ޝާއިޢުކުރި ޚަބަރަކާއި ގުޅިގެންނެވެ.
ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕަރސަން ޢަލީ ޝޯލިޙް ސޮއިކުރައްވާ މީޑިއާ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި ޤާސިމް އިބްރާހީމް ދެއްކި ވާހަކަފުޅުގެ ޚަބަރު ގެނެސްދިނުމުގައި، އެމަނިކުފާނު ވިދާޅުނުވާ ވާހަކަތަކެއް ވިދާޅުވިކަމަށްބުނެ ސީއެންއެމްގައި ޝާއިޢުކޮށްފައިވާ ކަމަށެވެ.
"މި ޚަބަރާއި ގުޅިގެން ޕާޓީން މިކަން އިސްލާހުކޮށްދިނުމަށް އެދި ޖޭޕީ މީޑިއާ ވައިބަރ ގްރޫޕްގައި ދެންނެވުމުންވެސް މިކަން އިސްލާޙްކޮށްފައު ނުވާތީ، މިކަމާއި ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން މި މައްސަލަ ބައްލަވާ އެޅެންހުރި ފިޔަވަޅެއް އަޅުއްވައިދެއްވުން އެދި ދެންނެވިން." ޖުމްހޫރީ ޕާޓީން މީޑިއާ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
ޤާސިމް އިބްރާހީމް ރޭ ވިދާޅުވީ، ބައެއް މީހުންގެ ވިސްނުމުގައި ހުންނަނީ ސިވިލް ސަރވިސްގެ މުވައްޒަފުން އުޅޭނެހޭ ގޮތަކަށް އުޅުނަސް ވަޒީފާއިން ވަކި ނުކުރެވޭނޭ ކަމަށް ކަމަށާއި، ނަމަވެސް އެއީ ގޯހެއް ކަމަށެވެ.
“އެމީހުންނަނީ ކަނޑާނުލެވޭނެ ބައެއް ނޫނޭ އިނގޭތޯ! އެމީހުން ވަކިވެސް ކުރެވޭނެ. ފަރުވާކުޑަކުރަންޏާ ހެދިފައި ހުރި ޤާނޫނާއި ގަވާއިދުތަކުގެ އިމުން ބޭރުވާކަމަށްވަންޏާ އެމީހުން ބޭރުވެސް ކުރާނެ. ބޭރުކުރަންވެސް ޖެހޭނެ. އެއީ ޤަބޫލުކުރަންއޮތް ހަޤީޤަތަކީ.” ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަކިކުރަން އުޅޭ މައްސަލައަށް އިޝާރާތްކުރައްވައި ޤާސިމް އިބްރާހީމް ވިދާޅުވެފައިވެއެވެ.
މީޑިއާތަކުގައި ޝާއިޢުކުރާ ޚަބަރަކާއި ގުޅިގެން ހުށަހަޅާ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކައުންސިލުން އަބަދުވެސް ކުރަމުންދެއެވެ.




