ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ ލިލްއާއި ދެކޮޅަށް ކުޅުނު މެޗުގައި ވިލިއަން ކާމިޔާބުކޮށްދިން ހިތްޤައިމު ވޮލީއާއެކު ޗެލްސީ މޮޅުވެއްޖެއެވެ.
ފްރާންސްގައި ކުޅެވުނު މިމެޗުގައި ފުރަތަމަ ލަނޑުޖަހާފައިވަނީ ޗެލްސީއިންނެވެ. މެޗުގެ 22 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދީފައިވަނީ ޓަމީ އަބްރަހަމްއެވެ. ނަމަވެސް އަބްރަހަމްގެ މިލަނޑާއެކު ޗެލްސީއަށް މާގިނައިރު ލީޑުގައި ހިފަހައްޓާލެވިފައިނުވާއިރު، ލިލް އިންވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ކޯނަރަކުން ބޮލުން ޖަހައި ވިކްޓަރ އޮސިމްހެން ކާމިޔާބުކޮށްދިން މިލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 33 ވަނަ މިނަޓްގައެވެ.
ދެޓީމުގެ ފަރާތުންވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޗެލްސީން މޮޅުވި ލަނޑު ޖަހާފައިވަނީ މެޗުގެ 77 ވަނަ މިނަޓްގައެވެ. އަރިމަތީ ލައިން ކައިރީހުރެ އަބްރަހަމް ހުރަސްކުރި ބޯޅަ ގޯލްގެތެރެއަށް ވިލިއަން ފޮނުވާލީ ބޯޅަ ބިމުގައި ނުޖައްސައެވެ.
ރޭގެ މެޗަކީ ޗެލްސީ ޖާޒީގައި ވިލިއަން ކުޅުނު 300 ވަނަ މެޗެވެ. ހަމައެއާކު ރޭ ވިލިއަން ކާމިޔަބުކޮށްދިން ލަނޑާއެކު އޭނާވަނީ ބްރެޒިލްގެ ރޮނާލްޑީނިއޯ އޭނާގެ ދުވަސްވަރު ޗެމްޕިއަންސް ލީގުގައި ކާމިޔާބުކޮށްދިން ލަނޑުގެ އަދަދާ އެއްވަރުކޮށްފައެވެ.
ވިލިއަންގެ ފަރާތުން ރޭ ފެނިގެންދިޔަ ލަނޑަކީ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކޮށްދިން 18 ވަނަ ލަނޑެވެ. 66 މެޗުން ވިލިއަން އަށާރަ ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، 15 އެސިސްޓްވެސް ހަދާފައިވެއެވެ. ރޮނާލްޑީނިއޯ މިއަދަދު ހަމަކޮށްފައިވަނީ 47 މެޗުންނެވެ. މި47 މެޗުގައި ޖެހި އަށާރަ ލަނޑުގެ އިތުރުން 14 އެސިސްޓް ރޮނާލްޑީނިއޯ ހަދާފައިވެއެވެ.




