ޔޫސީއެލް - ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މެޗުން ލިވަޕޫލް ސަލާމަތްކޮށްދިނީ ސަލާޙް!

ރޭ އެންފީލްޑްގައި ކުޅެވުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ މެޗުގައި ގިނަ ލަނޑުތަކެއް ފެނިގެން ގޮސްފައިވާއިރު، އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް ސަލާމަތްކޮށްދިނީ އެކްލަބަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުޙައްމަދު ސަލާޙްއެވެ.

ޖުމްލަ 7 ލަނޑު ފެނިގެންދިޔަ ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ލިވަޕޫލްއޮތީ ސަލްޒްބާގަށްވުރެ ދެލަނޑު ކުރީގައެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފުގައި ލިވަޕޫލަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ މާނޭ، ރޮބާޓްސަން އަދި ސަލާޙްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ހީޗަން ކާމިޔާބުކޮށްދިން ލަނޑާއެކު ސަލްޒްބާގަށް ހިތްވަރު ލިބިގެންދިޔައިރު އެކްލަބުންވަނީ ދެވަނަ ހާފު ލިވަޕޫލް ވަރުގަދަ ޗެލެންޖެއް ދީފައެވެ.

މުޅިން ތަފާތު ޖޯޝަކާއި ފޯރީގައި ދެވަނަ ހާފަށް ނުކުމެ ކުރީކޮޅު ދެލަނޑު ޖަހައި ސަލްޒްބާގުން ނަތީޖާ ހަމަހަމަކޮށްފައިވަނީ މުޅި ސްޓޭޑިއަމްވެސް ޙައިރާންކޮށްލުމަށްފަހުގައެވެ. މިނާމިނޯއާއި ބްރަޓް ހަލަންޑުގެ ލަނޑުތަކާއެކު ސަލްޒްބާގުން ނަތީޖާ ހަމަހަމަކުރިއިރު ލިވަޕޫލްގެ ޑިފެންޑަރުންގެ ފަރާތުން ގިނަ ގޯސްތަކެއްވަނީ ފެނިގެން ގޮސްފައެވެ.

ސަލްޒްބާގުން ކުރި ހުރިހާ މަސައްކަތެއް ފެނަށް ވެގެންދިޔައީ މެޗުގެ 69 ވަނަ މިނަޓްގައި ސަލާޙް ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. މިލަނޑާއެކު ލިވަޕޫލަށް އަލުން ލީޑު ލިބުނުއިރު، މިއީ ސަލާޙް މިމެޗުގައި ޖެހި ދެވަނަ ލަނޑެވެ. އަދި ސަލާޙްވަނީ އެންފީލްޑްގައި މިހާތަނަށް ކުޅުނު ޗެމްޕިއަންސް ލީގު 13 މެޗުން 12 ލަނޑު ކާމިޔާބުކޮށްފައެވެ.

ސަލާޙްގެ މިލަނޑާއެކު 4-3 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވިއިރު، މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ މިމެޗުން ބޮޑު ފިލާވަޅެއް ލިބިގެން ހިނގައްޖެކަމަށާއި، ލިވަޕޫލުން މިއަށްވުރެ ރަނގަޅަށް ޑިފެންސްކުރަން ޖެހޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ