އަނދިރިވި ޙަޔާތް (2)

ކޮޓަރީގައި ދިއްލާފައިހުރި އޮރެންޖް ކުލައިގެ ފަނޑު އަލީގައިވެސް އެއީ ކާކުކަން ދެނެގަންނާކަށް ޝާހިދަށް މާ އުނދަގުލެއް ނުވިއެވެ. އެހާ ކައިރީގައި އެހެން އޮތުމުން ސިއްސައިގެންގޮސްފައި ޝާހިދަށް ތެޅިގަނެވުނެވެ. އެވަގުތު އެމީހަކުވެސް ސިއްސައިގެންގޮސް ފަހަތަށް ވެއްޓުނެވެ.

"ދައްތަ…… ކީއް ތިކުރަނީ؟" ކުއްލިއަކަށް ތެދުވެ އިށީނދެފައި، ކައިރީގައި ވެއްޓިފައި އޮތް ޝިޔާނާއާ މުޚާޠިބުކޮށް ޝާހިދު ސުވާލުކޮށްލިއެވެ.

"މީ..މީ... ކުދިންގެ ޙާލު ބަލާލަން ވަދެފަ... ޓެސްޓަށް ވަރަށް ބުރަކޮށް މަސައްކަތްކުރާތީ ޝާހިދުގެ ޙާލުވެސް ބަލާލީ." ކުޑަކޮށް އަޅައިގަންނަ ގޮތަކަށް ޝިޔާނާ ޖަވާބު ދިނެވެ. އެހެންބުނެފައި އަވަސްއަރުވާލާފައި ޝިޔާނާ އެތަނުން ނުކުމެގެން ދިޔައެވެ.

އެއީ ހުރިހާ ކަމެއްގެ ފެށުމެވެ. އޭގެ ފަހުން ޝިޔާނާގެ ފިރިމީހާ ރަށުގައި ނޫޅޭ ބައެއް ރޭރޭ ޝާހިދަށް ހޭލެވޭއިރު ޝާހިދު ކައިރީގައި ނިދާފައިވެސް ޝިޔާނާ އޮވެއެވެ. ފުރަތަމަ ފެށުނީ ކުދި ކުދި ގޯނާ ތަކުންނެވެ. އޭގެ ފަހުން މަޑުމަޑުން ޝާހިދަށް އިންޒާރުދީގެން ޝިޔާނާގެ ކުދިކުދި އެދުންތައް ޝާހިދު ލައްވާ ފުއްދަން ފެށިއެވެ. 

ޝާހިދަކީ ބޭރު ރަށަކުން އެގެއަށް ކިޔަވަން އައިސްހުރި ނިކަމެތި ކުއްޖެކެވެ.  އޭނާ ދައްކާ ވާހަކަ ގަބޫލުކުރާނީވެސް ވަކި ކާކު ހެއްޔެވެ؟ މާލޭގެއެއްގައި ނޫނީ އެރަށުގެ އެހެން ގެއަކަށް ކުލި ދީގެން ޝާހިދު ބަހައްޓާހާ ފެންވަރެއް އޭނާގެ މައިންބަފައިންގެ ނެތެވެ. އެގޭގައިވެސް އެހުރެވެނީ އަޙްމަދުފުޅުގެ ދެމަފިރިންގެ ހެޔޮކަމުންނެވެ. އެ ހެޔޮކަމުގެ ބަދަލުގައި ކާށިކޮޅުކޮޅާއި، މިރުސް، ރިހާކުރު އަދި ވަޅޯމަސް ފަދަ ކުދި ކުދި ހަދިޔާ ޝާހިދުގެ މަންމަމެން ފޮނުވާ ހަދައެވެ. އެއީ އެމީހުންގެ ފެންވަރެވެ. 

ދުވަސްތައް ބިރުވެރިކަމާ އެކަނިވެރިކަމުގައި ކުރިއަށް ދިޔައެވެ. ބައެއްފަހަރު ޝާހިދު ކާން އިންނައިރު ޝިޔާނާ އައިސް ބަތްތަށިން ނަގާ އަނގަޔަށް ލަވާދެއެވެ. ބުރަކަށީގައި ފިރުމައެވެ. ޝިޔާނާ އޭނާގެ ކައިރީގައި އިނދެ ހުއްޓާނުލާ މޫނަށް ބަލާވަރުން އުނދަގޫވެގެން ނުކައި ދާ ދުވަސް ދުވަސްވެސް ގިނަވާންފެށިއެވެ. ފެންވަރަން ވަންނައިރު ޝާހިދަށްވުރެ ކުރިން ގޮސް ޝިޔާނާ ގިފިއްޔަށް ވަދެ ހުރެއެވެ. މި ހުރިހާ ކަމަކާ ހެދި ޝާހިދު އަބަދުވެސް ހުންނަނީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައެވެ. އަޑެއް އިވޭއިރަށް ސިއްސައިގެން ދިއުމާއި، ކުރިއަށްވުރެ ބަސް މަދުވުމާއި، ކެއުމާ ދުރުވުމުގެ އިތުރުން ކިޔެވުމަށްވެސް އެކަމުން ބުރޫއަރަންފެށިއެވެ. ޝިޔާނާގެ ދަރިން އެ ކޮޓަރީގައި ނިދާފާއި ތިއްބެއްކަމަކު އެކަމާ އޭނާގެ މާ ބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އެއަށްވުރެ އޭނާގެ އެދުންވެރިކަން ބޮޑެވެ. ދުވާލުގަޑީގައި މީހުންގެ ލޯތަކަށް ޝިޔާނާ ފެންނަނީ ވަރަށް މުރާލި، މައިންބަފައިންނާއި ދަރިންނަށް އަޅާލާ، ހީވާގި އެފަދަ ދެވަނައެއް ނުވާ ގެވެހި އަންހެނެއްގެ ގޮތުގައެވެ. ނަމަވެސް ރޭގަނޑު ޝާހިދަށް އެ ފެންނަނީ ޝިޔާނާގެ މުޅިން އެހެން ސޫރައެކެވެ. އެ ހުރިހާ ކަމަކަށް ނިމުން ގެންނަން ޝާހިދު ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އެވާހަކަތައް އޭނާ ވަކި ދައްކާނީ ކާކު ކައިރީގައި ހެއްޔެވެ؟ ޝާހިދުގެ އުމުރުން އޭރު އެންމެ 14 އަހަރެވެ. ނަމަވެސް ޝިޔާނާއަކީ އުމުރުން 30 އަހަރުވެފައިވާ ބޮޑު އަންހެނެކެވެ. އުމުރުގެ ފަރަގަކަށްވެސް ބެލުމެއްނެތި ޝިޔާނާ ދިޔައީ އޭނާ ބޭނުންވާ ކަންކަން ޝާހިދު ލައްވާ ގަދަކަމުން ކުރުވަމުންނެވެ. ޝާހިދުގެ އުމުރުގެ ކުއްޖަކު އެފަދަ ވާހަކައެއް ދައްކައިފިނަމަ މީހުން މަލާމަތްކުރާނީ ޚުދު އޭނާއަށް ކަމުގައި ޝިޔާނާ ޝާހިދަށް ވިސްނައިދިނެވެ. އަދި އޭގެ ސަބަބުން ޝާހިދާ އޭނާގެ މައިންބަފައިންގެ އަގުވެސް ވެއްޓޭނެކަމުގައި ޝިޔާނާ ބުނެދިނެވެ. ޝިޔާނާ ދެއްކި ހުރިހާ ވާހަކައެއް ޝާހިދުގެ ޅަ ސިކުނޑިން ދިޔައީ ގަބޫލުކުރަމުންނެވެ.

އެފަދަ ގޮތަކަށް ޖެހިގެން އައި އަހަރުވެސް ޝާހިދު ގަނަ ތެޅުނެވެ. ފަހުން ފަހުން ޝިޔާނާގެ އުނދަގުލުން ސަލާމަތްވާނެކަމަށް ފެންޑާގައި ހުންނަ އުނދޯލީގައިވެސް ޝާހިދު ނިދަން ފެށިއެވެ. ނަމަވެސް ޝިޔާނާގެ އެދުންވެރިކަން އެކަމުންވެސް ކުޑައެއް ނުވިއެވެ. އެހެން އުޅެނިކޮށް އެއް ރެއަކު އަޙްމަދުފުޅު ފާޚާނާއަށް ދާން ނުކުތް ގަޑިއެއްގައި ފެންޑާއިން އަޑެއް އިވޭތީ ބޭރަށް ނުކުމެ ބަލާލިއިރު ޝިޔާނާ ޝާހިދުގެ މަގަތުގައި އިށީނދެ އިންދާ ފެނުނެވެ. ކުރަމުންދާ ގޯނާތައް ހުއްޓާލުމަށް އެދި އޭރުވެސް ޝާހިދު ދިޔައީ އާދޭސް ކުރަމުންނެވެ. 

"ޝިޔާނާ މިއޮއް ދަންވަރު މިތާ ކީއް ތިކުރަނީ؟" ލޮލަށް ފެނުނު މަންޒަރުން އުނދަގޫވެފައި ހުރެ އަޙްމަދުފުޅު ސުވާލުކުރިއެވެ.

"ކަމެއް ނުކުރަން.... ހަމަ ހޫނުވާތީ ނުކުމެލީ.." ވަރަށް ނޫންކަމަށް ހަދާފައި ޝިޔާނާ ޖަވާބުދިނެވެ.

ޖެހިގެން އައި ދުވަހު އަޙްމަދުފުޅު ޝާހިދާ ވަކިން ބައްދަލުކޮށް އެކަމާ ގުޅޭގޮތުން ސުވާލު ކުރިއެވެ. އަޙްމަދުފުޅަށް ލޮލުންފެނިފައި ހުރުމުން ޝާހިދަށް އޮޅުވާލާކަށް ނުކެރުނެވެ. އެހެންކަމުން ފާއިތުވެދިޔަ ދުވަސްތަކުގައި ޝިޔާނާ ކަންތައްކުރަމުން އައި ގޮތުގެ ކުރު ޚުލާސާއެއް ޝާހިދު އަޙްމަދުފުޅަށް ދިނެވެ.

"ބޭބެ މިއަދު ވަރަށް ދެރަވެއްޖެ ބޭބެގެ އެހާ ގާތް ރަޙްމަތްތެރިއެއްގެ ދަރިޔަކަށް ބޭބެގެ ޢާއިލާގެ ފަރާތުން ތިހާ ބޮޑު ދެރައެއް ލިބުނީތީ. ބޭބެ ހަމަ މިއަދުން މިއަދަށް ބޭބެގެ ރައްޓެހި އެހެން ގެއަކަށް ޝާހިދު ބަދަލުކުރުމުގެ މަސައްކަތް ފަށާނަން. ބޭބެ ގަބޫލުކުރަނީ ޝާހިދު ބޭބެއަށް މަޢާފު ކުރާނެކަމަށް." ލަދުން އިސްޖަހާލައިގެން ހުރެ އަޙްމަދުފުޅު ވާހަކަ ދެއްކިއެވެ.

ހަމަ އެދުވަހު އަޙްމަދުފުޅުގެ ރަޙްމަތެތެރިއެއްގެ ގެއަށް ޝާހިދު ބަދަލުކުރިއެވެ. އަދި ކަންތައް ހިނގާދިޔަ ގޮތް އަޙްމަދުފުޅު ޝާހިދުގެ ބައްޕައަށް އޮޅުންފިލުވައިދީ އެކަމަށް މަޢާފަށްވެސް އެދުނެވެ.

އޭގެ ފަހުންވެސް ޝިޔާނާ މަގުމަތިން ފެނުނަސް ޝާހިދު ބިރުން ތުރުތުރު އަޅައެވެ. އެގެއާ ކައިރި ހިސާބަކުންވެސް ނުހިނގާވޭތޯ ޝާހިދު ބަލައެވެ. ވެދިޔަކަމެއް ވެ ދިޔައީއެވެ. އޭގައި ޝާހިދުވެސް، އަޙްމަދުފުޅުގެ ދެމަފިރިންވެސް އަދި ޝާހިދުގެ މައިންބަފައިންވެސް ކުރާނެ ކަމެއް ނެތެވެ. 

ކިޔަވާ ނިމިގެން ވަޒީފާއަށް ވަނުމަށްފަހުވެސް ޝާހިދު އަންހެން ކުއްޖަކާ ދިމާއަށް ލޯބީގެ ނަޒަރުންވެސް ބަލާލަން ޖެހިލުންވެއެވެ. އެކަމާހެދި އޭނާ ގަޔާވަނީ ފިރިހެނުންނާތޯވެސް ބައެއް ރައްޓެހިން ސަމާސާއަކަށް ހަދާފައި އަހައެވެ. ނަމަވެސް އެފަދަ ކަންކަމުގައި ސަބަބަކީ ހަމައެކަނި އެއީ ނޫންކަން މީހުންނަށް ވިސްނޭނީ ކޮން ދުވަހަކުންބާއެވެ؟ ފުރާވަރުގައި އޭނާއަށް ލިބުނު ޖިންސީ ގޯނާތަކުގެ މަތިން އޭނާ އަދިވެސް ހަނދާނެއް ނުނެތެއެވެ. އެއީ ނަފްސާނީ ކަމެއްކަން އެނގޭއިރުވެސް އެހީ ހޯދަން ދާން އޭނާ ޖެހިލުންވެއެވެ. ސަބަބަކީ އެކަހަލަ ކަންކަމުގައި އަދިވެސް މުޖުތަމަޢު ދެކޭ ގޮތް ވަރަށް ތަފާތެވެ. އަންހެންކުދިންނަށް ޖިންސީ ގޯނާ ލިބޭކަން އެއީ އެންމެން ދަންނަ ޙަޤީޤަތެކެވެ. އަދި މީހުންގެ ހަމްދަރުދީވެސް އެފަދަ ކުދިންނަށް ލިބެއެވެ. ނަމަވެސް ފިރިހެނަކު އެކަހަލަ ވާހަކައެއް ދައްކައިފިނަމަ އެފަދަ މީހަކަށް ފިނޑި، ސޮޑު ނުވަތަ އަންހެންދުޅާ މީހެއްގެ ލަޤަބު ދެއެވެ. ނުވަތަ އެމީހަކު ފިރިހެނުންނާ އެއް ސަފެއްގައިވެސް ހިމެނޭ މީހަކަށް ނުވެއެވެ. މިކަންކަން މި މުޖުތަމަޢުގައި މިހާރުވެސް ވަރަށް ގިނައެވެ. ނަމަވެސް މިފަދަ ކަންކަމުގައި ފިރިހެނުންގެ ޙައްޤުގައި ވަކާލާތު ކުރާނެ މީހަކު ނެތެވެ. މުޖުތަމަޢު ދެކޭ ގޮތުގައި ފިރިހެނުންނަކީ އަމިއްލަ ނަފްސު އެމީހަކު އަމިއްލައަށް ދިފާޢުކުރެވެންޖެހޭ ބަޔެކެވެ. ނަމަވެސް އެމީހުންގެ ތެރޭގައިވެސް ބަލިކަށި ނުވަތަ މަޖުބޫރީ ޙާލަތްތައް ދިމާވެފައިވާ ބަޔަކު ތިބެދާނެއެވެ. އެފަދަ މީހުންނަށް އެހެންމީހުންގެ އެހީތެރިކަން ބޭނުންވެއެވެ. ނޫންނަމަ ޝާހިދުގެ ޙަޔާތް ފަދައިން އަނދިރިވެގެންދާނެ އެތައް ޙަޔާތެއް ވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

ނިމުނީ

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Thoo

    Vv furihama. ? Ma sha Allah.. kuriah oiy vahaka ah inthizaaru kuran. ?☺️

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ