މިއީ ޑިޒްނީއަށް ރަން އަހަރެއް

ޑިޒްނީގެ ހުރިހާ ފިލްމް ތަކަކީވެސް ބޮކްސް އޮފީސް ފަތަހަ ކުރަމުން އަންނަ މޮޅު އުފެއްދުންތަކެކެވެ. މިހާތަނަށް ކާމިޔާބު ކާރޓޫން ފިލްމް ތަކުން ފެށިގެން ލައިވް އެކްޝަން ފިލްމަތައް ޑިޒްނީއިން ގެނެސްދީފައިވާއިރު، މިއަހަރުވެސް ޑިޒްނީގެ އެތައް ފިލްމަތަކެއް ކުރިއަށް ތާވަލު ކުރެވިފައި އެބަހުއްޓެވެ.

މި ބަލާލަނީ، ޑިޒްނީއިން މިއަހަރުތެރޭގައި އަޅުވަންހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމްތަކަށެވެ.

1. "ޑަމްބޯ"

ވޯލްޓް ޑިޒްނީ ސްޓޫޑިއޯސްއިން އުފައްދަމުންދާ ލައިވް އެކްޝަން ފިލްމުތަކުގެ ލިސްޓަށް މި ފަހަރު މިއޮތީ، މާރޗް 19 ގައި ރިލީސްކުރުމަށް ހަމަޖެހިފައިވާ، 1941 ވަނަ އަހަރުގައި މަގުބޫލުކަން ހޯދި "ޑަމްބޯ" ކާޓޫނެވެ.

ޑަމްބޯ ކާޓޫނުގައި ދައްކުވައިދިނީ ސާކަސްއެއްގެ ހަގީގަތެ. މި ފިލްމުގައި ދައްކުވައިދެނީ، ޖަމްބޯ ޖޫނިއަރ ނަމަކަށް ކިޔާ ކުޑަ އެތެއް، އޭތީގެ އައިބު، ބޮޑު ދެކަންފަތާއެކު އެކަނި ދިރިއުޅެންޖެހުމުން ކުރިމަތިވާ ގޮންޖެހުންތަކާއި މީހުންގެ މަލާމާތެވެ.

މި ފިލްމްގެ ޓްރެއިލާ މިހާރު ދައްކާލާއިފައިވާއިރު، ކުރީގެ ކާޓޫނުން ދައްކުވައިދޭ މަންޒަރުތަކުގެ އަސްލު، ލައިވް އެކްޝަން ފިލްމުންވެސް ފެނިގެންދެއެވެ.

ނަމަވެސް ކާޓޫން އާ ހިލާފަށް، އިތުރު ކެރެކްޓަރތައް ލައިވް އެކްޝަން ފިލްމަށް ލާފައިވާއިރު، އޭގެ ތެރެއިން 2 ކުޑަކުދިން ހިމެނެއެވެ. ޖަމްބޯގެ ބޮޑު ދެކަންފަތުގެ އެހީގައި ޖަމްބޯއަށް އުދުހެވޭކަން ދެނެގަންނަނީ މި ދެ ކުދިންނެވެ.

2. "އެވެންޖަރސް އެންޑް ގޭމް"

"އެވެންޖާސް އިންފިނިޓީ ވާރ" ގެ ސީކުއަލް "އެވެންޖަރސް އެންޑް ގޭމް" މިއީ މުޅި ދުނިޔެ އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ.

"އިންފިނިޓީ ވާރ" އިން ފެނިގެންދިޔައީ، ތޭނޯސް އޭނަގެ މަގްސަދު ހާސިލުކުރުމާއެކު، ގިނަ އެވެންޖާސް ތަކެއް ވީނުވީއެއް ނޭނގި ގެއްލޭތަނެވެ.

"އެންޑް ގޭމް"ގެ ޓްރެއިލާއިން ފެނިގެންދަނީ، ބާކީ ތިބި އެވެންޖާރސް ތަކުގެ ތެރެއިން އަޔަން މޭން، ކެޕްޓްން އެމެރިކާ އަދި އެންޓް މޭން، ފިލްމްގެ ވިލަން ތޭނޯސްގެ އަތް ތަށުން ދުނިޔެ ސަލާމަތް ކުރުމަށް ކުރާ މަސައްކަތެވެ.

އަޔަން މޭން، ކެޕްޓްން އެމެރިކާ އަދި އެންޓް މޭން، ތޭނޯސްގެ އަތް ދަށުން ސަލާމަތްވީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިވާއިރު، އެއީ ކީއްވެގެންތޯ ބަލާލުމަށް އޭޕްރިލް 26އަށް ތައްޔާރުވާށެވެ.

3. "އަލާއްދީން"

މިފަހަރު މިއޮތީ، މެއި 24 ގައި ބެލުންތެރިންނާއި ހިސާބަށް ގެނެސްދޭން ހަމަޖެހިފައިވާ، 1992 ވަނަ އަހަރު ނުކުތް ޑިޒްނީ ކާޓޫން "އަލާއްދީން" ގެ ލައިވް އެކްޝަން ފިލްމެވެ.

ކުރީގެ ކާޓޫން ފިލްމުން ފެނިގެންދަނީ، އާދައިގެ ދިރިއުޅުމެއް އުޅެމުންދާ އަލާއްދީން، ޕްރިންސަސް ޖޭސްމީން ދެކެ ލޯބިވެގެން ހިނގާ ހާދިސާތަކެކެވެ. އަދި އޭނަގެ ނަސީބު އަތުގައި ހިފަނީ، އެތައްސަތޭކަ އަހަރު ތަކެއް ވަންދެން ޖާދޫގެ "ލޭމެޕް" އެއްގެ ތެރޭގައި ބަންދުވެފައިވާ ޖާދޫގެ "ޖީނީ" އާއި ދިމާވާ ހިސާބުންނެވެ.

4. "ޓޯއީ ސްޓޯރީ 4"

މިއީ އެނިމޭޝަން ފިލްމުގެ ދުނިޔެ އަށް އިންގިލާބެއް ގެނެސްދީފައިވާ، "ޓޯއީ ސްޓޯރީ" ސިލްސިލާގެ ހަތަރު ވަނަ ފިލްމެވެ.

"ޓޯއީ ސްޓޯރީ 4" ގައި މިފަހަރު އިތުރު އައު ކެރެކްޓަރ ތަކެއް ފެނިގެންދާއިރު، އެންމެ ފަހުގެ ބައިން ފެނިގެންގޮސްފައިނުވާ "ވޫޑީ" މިފަހަރުގެ މި ފިލްމުން ފެނިގެންދާނެއެވެ.

ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ، ޖޫން 21 ގައެވެ.

https://youtu.be/7LgyNeG2Pv8

5. "ދަ ލަޔަން ކިންގް"

އަނެއްކާވެސް ޑިޒްނީގެ ލައިވް އެކްޝަން ފިލްމްގެ ލިސްޓަށް މިއޮތީ، 1994 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމް އަދި އޮސްކާވެސް ކާމިޔާބުކުރި ފިލްމް "ދަ ލަޔަން ކިންގް" އެވެ.

ކުރީގެ ކާޓޫންގެ ފުރަތަމަ މަންޒަރުގައި ކިންގް މުފާސާގެ ފުރަތަމަ ދަރިފުޅު ސިންބާ އުފަންވާ މަންޒަރު ހަމަ އެގޮތަށް، ފިލްމްގެ ފުރަތަމަ ދައްކާލުމުގައި ގެނެސްދީފައިވެއެވެ.

"ދަ ލަޔަން ކިންގް" އަކީ މިހާތަނަށް ޑިޒްނީއިން އުފެއްދި އެންމެ ކާމިޔާބު އެއް ފިލްމަށް ވާއިރު، ފިލްމުގެ ލައިވް އެކްޝަން މަންޒަރުތައް ސިނަމާއިން ބަލާލުމަށް ކެތްމަދުވެފައިވާ ގިނަ ބަޔަކު މިހާރުވެސް ޖުލައި 19 އަށް އިންތިޒާރު ކުރަމުންދާނެކަން ގައިމެވެ.

6. "ފްރޯޒެން 2"

އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ އަދި މިހާތަނަށް ޑިޒްނީއިން އުފެއްދި އެންމެ ކާމިޔާބު އެނިމޭޓެޑް ފިލްމް، “ފްރޯޒެން" ގެ ދެވަނަ ބައިގެ ފުރަތަމަ ދައްކާލުމުންވެސް ގިނަ ބަޔަކު މިވަނީ މި ފިލްމް މިފަހަރުވެސް ކާމިޔާބު ވާނެކަމަށް ޔަގީންކޮށްފައެވެ.

22 ނޮވެމްބަރގައި ރިލީސްކުރުމަށް ހަމަޖެހިފައިވާ "ފްރޯޒެން 2" ގެ ފުރަތަމަ ދައްކާލުމުންވެސް ނޭވާ ހިފަހަށްޓާލަންޖެހޭ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދިޔައެވެ.

މިޓްރެއިލާ ފެށިގެންދަނީ، ފިލްމުގެ މެއިން ކެރެކްޓާ ކުއީން “އެލްސާ” ބިޔަ ރާޅުތަކުތެރޭގައި،  އޭނާއަށް ލިބިފައިވާ އައިސް ބާރުގެ ބޭނުންކޮށް މޫދުގެ ރާޅުތައް ގަނޑު ކޮށްލުމަށްފަހު ދުވެލާފައި ދަނިކޮށް ނެގި ބޮޑު ރާޅަކާއެކު ވެއްޓޭ މަންޒަރުންނެވެ.

ޑިޒްނީގެ ފިލްމަތަކަށް މޮޔަވެފައި ތިބި ހުރިހާ ދިވެހިންނަށްވެސް މިއީ ބޮޑު އަހަރެކަށްވާނެއެވެ. ވީމާ ޓިކެޓެއް ނަގައިގެން ޝުވެކް ސިނަމާއަށް މި ފިލްމްތައް ބަލާލަން ކޮންމެހެންވެސް ދާންޖެހޭނެއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ