މިނިވަން ހިޔާލާއި ވިސްނުމުގެ ނަމުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން ހިންގަނީ ޖަރީމާއެއް ކަމަށް ސަރުކާރާ އިދިކޮޅު ޕީއެންސީގެ ރައީސް، ފޮނަދޫ ދާއިރާއިގެ ކުރީގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީން ހިނގާ ޖަރީމާއަކީ ދީނީ މިނިވަންކަމަށް މަގުފަހިކުރުމަށް ހިންގާ ކަންކަން ކަމަށެވެ.
"މިހާރު މިނިވަން ޚިޔާލާއި ވިސްނުމުގެ ނަމުގައި މިހިންގާ ކަންކަމަކީ ރާވައިގެން ދީނީ މިނިވަންކަން ދިނުމަށް މަގުފަހިކުރުމަށް އެމްޑީޕީ އިން ހިނގާ ޖަރީމާއެއް." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ މިހެން ވިދާޅުވިއިރު، އެމްޑީޕީއާއި ގާތް ގުޅުމެއް އޮންނަ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން މިއަދު ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ޖޯކުޖަހާފައިވެއެވެ.
އެމްޑީއެންގެ ރިޕޯޓް އާއްމުކުރުމާއެކު ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ ޖަމްއިއްޔާއާއި ދެކޮޅަށް މީސްމީޑިއާގައި ބޮޑު ޖެމްޕޭނެއް ކުރިއަށް ދަނިކޮށް، ރިޕޯޓް އިސްލާޙްކުރަން ކަމަށްބުރެ ރިޕޯޓް ވަނީ އަނބުރާ ގެންގޮސްފައެވެ.
ރިޕޯޓްގެ މައްސަލަ މިހާރު ފުލުހުން ބަލަމުންދާއިރު، އެ ޖަމްއިއްޔާއާއި މެދުގައި ފިޔަވަޅު އަޅައިދިނުމަށް މިއަދު މެންދުރު އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުގައި އެދިފައެވެ. ނަމަވެސް އެ ސިޓީ ލިބުނުކަމަށް ފުލުހުން ވިދާޅުވީވެސް މިރެއެވެ.
ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރުން ޢާއްމުވެފައިވާ ކަމަށްބުނެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.




