ރާއްޖޭގައި ހަރުކަށި ފިކުރުގެ "އޮށް" އިންދީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިންކަމަށް، ސަރުކާރާ އިދިކޮޅު ޕީއެންސީގެ ރައީސް، ފޮނަދޫ ދާއިރާއިގެ ކުރީގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީއިން އެކަން އެގޮތަށް ކޮށްފައިވަނީ، ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ މީހުންނާއި، ހަރުކަށި ފިކުރުގެ މީހުން ތިބިކަން ދައްކަންވެގެން ކަމަށެވެ.
"ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ މީހުންނާއި، ހަރުކަށި ފިކުރުގެ މީހުން ތިބިކަން ދައްކަން، އެ ވިސްނުމުގެ "އޮށް" އިންދީ އެމްޑީޕީ އިން." އަދުރޭގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، މިހާރު މިނިވަން ޚިޔާލާއި ވިސްނުމުގެ ނަމުގައި މިހިންގާ ކަންކަމަކީ ރާވައިގެން ދީނީ މިނިވަންކަން ދިނުމަށް މަގުފަހިކުރުމަށް، އެމްޑީޕީ އިން ހިނގާ ޖަރީމާއެއް ކަމަށެވެ.
Raajjeygai hahdhu fahanalhaafaivaa meehunaa Harukashi fikuruge meehun thibi kamah dhakkan e visnumuge ‘oh’ indhee MDP in. Mihaaru minivan kh’iyaalaa visnumuge namugai mi hingaa kan kamakee raavaigen dheenee minivankan dhinumah magufahi kurumah MDP in hingaa jareemaa’eh.
— Abdul Raheem Abdulla (@Banafsaa) October 3, 2019
އަދުރޭ މިހެން ވިދާޅުވިއިރު، އެމްޑީޕީއާއި ގާތް ގުޅުމެއް އޮންނަ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން މިއަދު ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ޖޯކުޖަހާފައިވެއެވެ.
އެމްޑީއެންގެ ރިޕޯޓް އާއްމުކުރުމާއެކު ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ ޖަމްއިއްޔާއާއި ދެކޮޅަށް މީސްމީޑިއާގައި ބޮޑު ޖެމްޕޭނެއް ކުރިއަށް ދަނިކޮށް، ރިޕޯޓް އިސްލާޙްކުރަން ކަމަށްބުރެ ރިޕޯޓް ވަނީ އަނބުރާ ގެންގޮސްފައެވެ.
ރިޕޯޓްގެ މައްސަލަ މިހާރު ފުލުހުން ބަލަމުންދާއިރު، އެ ޖަމްއިއްޔާއާއި މެދުގައި ފިޔަވަޅު އަޅައިދިނުމަށް މިއަދު މެންދުރު އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުގައި އެދިފައެވެ. ނަމަވެސް އެ ސިޓީ ލިބުނުކަމަށް ފުލުހުން ވިދާޅުވީވެސް މިރެއެވެ.
ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރުން ޢާއްމުވެފައިވާ ކަމަށްބުނެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.



