އުމަރު ނަސީރު

ދީނާ ދެކޮޅަށް ފިކުރީ ހަނގުރާމަ ކުރާ މީހުން ޖަލަށް ނުލެވުމަކީ އިންސާފެއް ނޫން - އުމަރު

އިސްލާމްދީނާ ދެކޮޅަށް ފިކުރީ ހަނގުރާމަ ކުރާ މީހުން ޖަލަށް ނުލެވުމަކީ އިންސާފެއް ނޫންކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ޓެރަރިޒަމް ޤާނޫނަށް ބަދަލުގެނެސް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައި، ހަމަ މިމަގުން ލާދީނީ ފިކުރާ ދެކޮޅަށްވެސް ޤާނޫނު ހަދާ ބޮޑެތި އަދަބުތައް ކަނޑައަޅަންޖެހޭ ކަމަށެވެ.

އެހެން ފަސްގަނޑެއްގައި ހުރެގެން ދީނުގެ ނަމުގައި، ހަނގުރާމަ ކުރާ މީހާ ޖަލަށް ލާފައި، ރާއްޖޭގައި ހުރެގެން އިސްލާމް ދީނާ ދެކޮޅަށް ފިކުރީ ހަނގުރާމަ ކުރާ މީހުން ޖަލަށް ނުލެވޭނަމަ އިންސާފު ނެތިގެންދާކަމަށް އުމަރު ވިދާޅުވިއެވެ.

"އެހެން ފަސްގަނޑެއްގައި ހުރެ ދީނުގެ ނަމުގައި، ހަނގުރާމަ ކުރާ މީހާ ޖަލަށް ލާފައި، މި ފަސްގަނޑުގައި ތިބެގެން އިސްލާމް ދީނާ ދެކޮޅަށް ފިކުރީ ހަނގުރާމަ ކުރާ މީހުން ޖަލަށް ނުލެވޭނަމަ، އިންސާފު ނެތިގެންދާނެ." އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވިއިރު، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (ޢެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށް، ކީރިތި ރަސޫލާއަށް ހަޖޫ ޖެހި މައްސަލަ ވަނީ ހޫނުވެފައެވެ.

އެ ރިޕޯޓްގެ މައްސަލައިގައި އެ ޖަމްއިއްޔާއަށް ފިޔަވަޅު އަޅައިދިނުމަށް އިސްލާމިކް މިނިސްޓްރީން މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދިފައިވާއިރު، އެ ޖަމްއިއްޔާގެ ފައުންޑަރ ސަހިންދާ އިސްމާއީލް ވަނީ އިސްލާމިކް މިނިސްޓްރީއަކީ ޤައުމުގެ ހަލާކު ކަމަށާއި، އެ މިނިސްޓްރީ ހުރިހާ ހިނދަކު ޤައުމު އަމާން ނުވާނެކަމަށް ބުނެފައެވެ.

ޝަހިންދާ އިސްލާމިކް މިނިސްޓްރީއަށް ނިސްބަތްކޮށް ދެއްކި ވާހަކައަކީ "ގޯހެއް" ކަމަށާއި، އެހެން އެވާހަކަ ނުދެއްކޭނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެފައިވާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، އެއީ ޝަހިންދާ ދެކޭ ގޮތް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ