އާޖެންޓީނާއާއި ދެކޮޅަށް ނުކުންނަ ރަޙްމަތްތެރިކަމުގެ މެޗުގައި ޖަރުމަނު ގޯލް ބަލަހައްޓާނީ ބާސެލޯނާއަށް ކުޅެމުން އަންނަ މާކް އަންދްރޭ ޓާ ސްޓެގެން ކަމަށް ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ބުނެފިއެވެ.
އުމުރުން 27 އަހަރުގެ ސްޓެގެން ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުންދިޔަނަމަވެސް ޤައުމީ ޓީމަށް ކުޅުމުގެ ފުރުޞަތު ނުލިބޭތީ މީގެކުރިން އޭނާވަނީ ޝަކުވާކޮށްފައެވެ.
ޖަރުމަނުގެ އެއްވަނަ ގޯލް ކީޕަރެއްގެ ގޮތުގައި ބަޔާން މިއުނިކަށް ކުޅެމުން އަންނަ މެނުއަލް ނޯޔާއާ ހުންނަތާ އެތަށް ދުވަހެއްވެފައިވާއިރު، ޖަރުމަނުގެ އެއްވަނަ ކީޕަރަކީ ނޯޔާއާކަން ކޯޗު ލޯވެސްވަނީ ފާހަގަކޮށްފައެވެ.
"އަހަރެން އަބަދުވެސް ބުނަން. ނޯޔާއާއަކީ ޖަރުމަނުގެ ކައްޕި. އަދި އެއްވަނަ ކީޕަރު. އެހެންނަމަވެސް އާޖެންޓީނާ މެޗުގައި ސްޓެގެންއަށް ފުރުޞަތު ދިނުމަށްވަނީ ނިންމާފައި." ލޯ ބުންޏެވެ.
އާޖެންޓީނާއާއި ދެކޮޅަށް ޖަރުމަނު ނުކުންނަ ރަޙްމަތްތެރި ކަމުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 11:45 ގައެވެ.
އާޖެންޓީނާ މެޗުން ސްޓެގެންއަށް ފުރުޞަތު ލިބިފައިވީނަމަވެސް މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ޔޫރޯ ކޮލިފައިންގައި އެސްޓޯނިއާއާއި ދެކޮޅަށް ޖަރުމަނު ނުކުންނާނީ ނޯޔާއާ އެކުގައެވެ.



