ޖަރުމަނުގައި މުސްލިމުންނަށް ހަމަލާދީ ގިނަ އަދަދެއްގެ މުސްލިމުން ޝަހީދުކޮށްލުމަށް ރާވަމުންދިޔަ ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ. މި ޒުވާނާ ޖަރުމަނުގެ ފުލުހުން ހައްޔަރުކޮށްފައިވަނީ މުސްލިމުންނަށް ހަމަލާދީ ގިނަ އަދަދެއްގެ މުސްލިމުން ޝަހީދުކޮށްލުމަށް ރާވަމުން ދަނިކޮށެވެ. މިގޮތުން މިޒުވާނާ އެ ހަމަލާ ދޭން ރާވާފައިވާ ގޮތް ކާކުކަން ނޭނގޭނެ ގޮތަށް އިންޓަރނެޓުގެ މުއާމަލާތެއްގައިވަނީ ހިއްސާ ކޮށްފައެވެ.
ޖަރުމަނުގެ ފުލުހުން މައުލޫމާތު ދޭގޮތުގައި، މި ޒުވާނާ ރާވަމުންދިއައީ ނިއުޒިލެންޑުގެ މިސްކިތްތަކަށް އަމާޒުކޮށް މިދިޔައަހަރުގެ މާރޗްމަހު ދިންފަދަ ހަމަލާއެއް ޖަރުމަނުގައިވެސް ދިނުމަށެވެ. ނިއުޒިލެންޑުގެ ދެމިސްކިތަކަށް ދިން މިޓެރަރިސްޓް ހަމަލާގައި51 މީހަކު މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެފައި ވެއެވެ.
ޖަރުމަނުގެ ފުލުހުން މި ޒުވާނާ ދިރިއުޅޭގެ ބަލައި ފާސްކޮށް ހަތިޔާރާއި އަދި ކަނާއަތު ފިޔައިގެ ހިޔާލުގެ ލިޔެކިޔުންތަކެއްވަނީ ހޯދައިފައެވެ. ޖަރުމަނު ފުލުހުން މި ޒުވާނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.



