މާލޭގެ ކުނި މެނޭޖްކުރުމަށް އެކުލަވާލާފައިވާ ގަވާއިދާއި، އުޞޫލުތަކާ ޚިލާފުވެގެން 9 ފަރާތެއް ޖޫރިމަނާ ކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
9 މީހުން ޖޫރިމަނާކުރި ކަން ހާމަކުރެއްވި ނަމަވެސް ޖޫރިމަނާކުރި މީހުންގެ ވަނަވަރު އަދި އެމީހުން ޖޫރިމަނާކުރި ސިީދާ ސަބަބު ފުލުހުންގެ ތަފާސްހިސާބުތަކުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ފުލުހުން އާއްމުކުރި، ތިމާވެށި ފުލުހުންގެ ވޭތުވެދިޔަ ހަފްތާގެ ތަފާސްހިސާބުތަކުގައި ވާގޮތުގައި، މިމަހުގެ 17 އިން 23 އަށް ކުނި މެނޭޖްކުރުމުގެ ގަވާއިދާއި އުޞޫލުތަކާ ޚިލާފުވެފައިވާ 9 ފަރާތެއް ޖޫރިމަނާ ކޮށްފައިވާއިރު، 36 ފަރާތަކަށް ނަސޭހަތްތެރިވެފައިވެއެވެ.

ތިމާވެށި ފުލުހުންގެ ވޭތުވެދިޔަ ހަފްތާގެ ތަފާސްހިސާބަށް ބަލާއިރު، ތިމާވެއްޓާ ގުޅޭ 57 މައްސަލައެއް ހައްލުކޮށްފައިވާއިރު، 28 މައްސަލައެއް އަދިވެސް ހައްލު ނުކުރެވި އެބަހުއްޓެވެ. އަދި ތިމާވެއްޓާ ގުޅޭ ކަންކަމުގައި ދެ ގެއަކަށާއި، ތިން ފިހާރަ އަދި ކެފޭއެއްގެ އިތުރުން ދެ އޮފީހާއި، 28 ކޮންސްޓްރަކްޝަން ސައިޓަކަށް ޒިޔާރަތްކޮށްފައިވެއެވެ.
ތިމާވެށި ފުލުހުންގެ މަސައްކަތަކީ ތިމާވެއްޓާ ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށް ނުހަނު ބޭނުންތެރި ޚިދުމަތެކެވެ.




