ސެވިއްޔާއާއި ދެކޮޅަށް މާދަމާ ރޭ ބާސެލޯނާ ނުކުންނަ މެޗުގައި ކެޕްޓަން ލިއޮނަލް މެސީއަށް ރެސްޓ ދީފިނަމަ ފަހުން އޭގެ ފައިދާކުރާނެކަމަށް ބްރެޒިލްގެ ކުރީގެ ތަރި ރިވާލްޑޯ ބުނެފިއެވެ.
ލިބިފައިވާ އަނިޔާއަކުން އަދިވެސް މެސީ އެއްކޮށް ރަނގަޅު ނުވާއިރު، ރިވާލްޑޯ ދެކޭގޮތުގައި މެސީއަށް މިވަގުތު މުހިންމީ ރިކަވާރވުމަށް ވަގުތެވެ.
"ސެވިއްޔާ މެޗަކީ މުހިންމު މެޗެއް. އެހެންނަމަވެސް ލަލީގާގައި އަދި އެބޮތް ބާކީ ބައިވަރު މެޗު. މިމެޗު ދޫކޮށްލިޔަސް ފަހުން އޭގެ ފައިދާ ކުރާނެ." ރިވާލްޑޯ ބުންޏެވެ.
މީގެއިތުރުން ރިވާލްޑޯ ބުނީ މާދަމާ ރޭގެ މެޗަށްފަހު ބާސެލޯނާގެ މެޗެއް އޮންނާނީ ދެން މިމަހުގެ 19 ގައި ކަމުން މާދާމާ ރޭގެ މެޗު ދޫކޮށްލުމުން ރިކަވާރވުމަށް މެސީއަށް ގިނަ ވަގުތު ލިބޭނެކަމަށެވެ. އަދި ކޮންމެ ކުޅުންތެރިއެއްވެސް ގޮތަށް މެސީވެސް ބޭނުންވާނީ މެޗުތައް ކުޅެ އަލުން ފޯމަށް އައުންކަމަށާއި ނަމަވެސް އެންމެ ރަނގަޅުގޮތަކީ ފަރިތަކުރުންތަކުގެ އެހީގައި އަލުން ފޯމަށް އައުންކަމަށްވެސް ރިވާލްޑޯވަނީ ބުނެފައެވެ.
ޗެމްޕިއަންސް ލީގުގައި އިންޓަރ މިލާންއާއި ދެކޮޅަށް އެންމެފަހުން ބާސެލޯނާ ކުޅުނު މެޗުގައި މެސީ ފުލްކޮށް ކުޅެފައިވީނަމަވެސް، މެސީގެ އަސްލު ކުޅުން އެމެޗުގައިވެސް ފެނިފައެއް ނުވެއެވެ.
އަމިއްލަ ދަނޑުގައި ސެވިއްޔާއާއި ދެކޮޅަށް ބާސެލޯނާ ނުކުންނާނީ މާދަމާ ރޭ 12:00 ގައެވެ.




