އުތުރުގަ މަސްވެރިކަން ކުރާއިރު ޚާއްސަ ސަމާލުކަމެއް ދިނުމަށް ފިޝަރީޒް އިން އެދެފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި ދިވެހި މަސްވެރި އުޅަނދުފަހަރު ޙަރަކާތްތެރިވުމަކީ ޤާނޫނާއި، ގަވާއިދާ ޚިލާފު އަމަލެއް ކަމަށާއި އެކަމުގައި އިތުރަށް ސަމާލުވެލުވުމަށް ފިޝަރީޒް މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މަލިކު ކައިރިން ރާއްޖޭގެ މަސް ދޯންޏެއް ދަތުރު ކުރަނިކޮށް އިންޑިއާގެ ކޯސްޓްގާޑުން ހިފަހައްޓައިފައިވާކަމަށް ހަބަރު ފެތުރިފައިވަނިކޮށެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ޤާނޫނާއި ގަވާޢިދާ ޚިލާފަށް ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަކީ ދިވެހިރާއްޖޭގެ މައްޗަށް ބައިނަލްއަޤްވާމީ ޤަނޫނުތަކުން ލާޒިމުކުރާ ކަމެއްކަމުން، އެހެން ޤައުމެއްގެ ކަނޑުގެ ސަރަޙައްދުން އެޤައުމެއްގެ ހުއްދަނެތި މަސްވެރިކަންކުރުމަކީ މުޅި ދިވެހިރާއްޖޭގެ މަސްވެރިކަމަށް އެކަމުން ބޮޑު އަސަރެއް ކޮށްފާނެކަމެއް ކަމަށާއި، މިފަދަ އުޅަނދުފަހަރު އިންޑިއާ ކަނޑުގައި ކަނޑުމަހުގެ މަސްވެރިކަން ބަލަހައްޓާ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)އިން ބްލެކް ލިސްޓުކުރުމުގެ ފުރުޞަތުވެސް އެބަ އޮތްކަމަށް އެމިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން އެމިނިސްޓްރީން ވިދާޅުވީ، މިފަދަ ލިސްޓްތަކަށް ދިވެހިރާއްޖޭގެ މަސްވެރި އުޅަނދެއްގެ ނަން އަރައިފިނަމަ، ދިވެހިރާއްޖޭގެ މަސްވެރިކަމާމެދު މަސް ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ތަސައްވުރު މިފަދަ އަމަލެއްގެ ސަބަބުން ބަދަލުވެގެން ގޮސް މުޅި ދިވެހިރާއްޖޭގެ މަސްވެރިކަމަށް މިކަމުގެ ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. އަދި މިހާތަނަށް ދިވެހިރާއްޖޭގެ މަސްވެރި އުޅަނދެއް މިލިސްޓުގައި ދުވަހަކުވެސް ހިމެނިފައިނުވާކަމަށްވެސް އެމިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

އަދި ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަހައްދުން ބޭރުން މަސްވެރިކަންކުރަނިކޮށް ހިފެހެއްޓޭ އުޅަނދުފަހަރާ މެދު މަސްވެރިކަންކުރުމުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ އިރާއި ހުޅަނގުން 200 މޭލު ސަރަޙައްދެއް މިޤާނޫނުގެ ދަށުން ދިވެހިރާއްޖެއަށް ލިބިފައި އޮތް ނަމަވެސް، އުތުރުގައި އިންޑިއާ އަދި ސްރީ ލަންކާއާއި ދެމެދު 200 މޭލު ސާފުކޮށް ލިބެން ނެތުމުން ހާއްސަ އިޤްތިސާދީ ސަރަޙައްދުގައި ފުށު އަރާ ސަރަޙައްދު ހަމަހަމައަށް ވަނީ ބަހާލާފައެވެ.

އެގޮތުން އެމިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުން އިންޑިއާގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދާ ދެމެދު ހުންނާނީ ގާތްގަނޑަކަށް 35 ނޯޓިކަލް މޭލުކަމަށްވާއިރު، ދިވެހިރާއްޖޭގެ އުތުރުގައި މަސްވެރިކަންކުރުމުގައި ރާއްޖޭގެ ސަރަޙައްދު ތެރޭގައި ޙަރަކާތްތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ