މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓްގެ މައްސަލައިގައި ފުރިހަމަ ތަޙްޤީޤެއް ހިންގައި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ޑިމޮކްރަސީ ނެޓްވޯކްއިން ނެރުނު ރިޕޯޓާއި ގުޅިގެން މިމަހުގެ ތިންވަނަ ދުވަހު އެންމެ ފުރަތަމަ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނީ ޢާއްމުފަރާތަކުން ކަމަށާއި، އޭގެ ފަހުގައި އިސްލާމިކް މިނިސްޓްރީންވެސް ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި އިސްލާމީ ޢަޤީދާ އާއި ދީނުގެ އަސާސްތަކަށް ފާޑުކިޔުމާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން ފަދަ އިސްލާމްދީނާ އިދިކޮޅު ޢަމަލުތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ބަލައި ފިޔަވަޅު އަޅަމުންދާ މައްސަލަތަކެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
"މިފަދަ އެހެން މައްސަލަތަކެކޭ އެއްފަދައިން، މި މައްސަލައާ ގުޅިގެންވެސް ފުރިހަމަ ތަޙްޤީޤެއް ހިންގައި ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމުގައި ދަންނަވަން." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ދީނަށް ފުރައްސާރަކުރި ރިޕޯޓްގެ މައްސަލަ ތަޙްޤީޤު ފެށުމަށްފަހު، އެ މައްސަލައިގެ ތަޙްޤީޤު ހިނގަމުންދާކަން ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކަށްވެސް ހިއްސާކުރައްވާފައިވާނެ ކަމަށެވެ.
މޯލްޑިވިއަން ޑޮމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓްގައި އިސްލާމްދީނަށް ފުރައްސާރަކޮށް، ރަސޫލާއަށް ހަޖޫޖަހާފައިވާއިރު، އެ މައްސަލައިގައި ދިވެހިން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ނަމަވެސް އެ މައްސަލައިގައި ފިޔަވަޅު އެޅުން ލަސްވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
2 Responses
އަނެއް ބޮޑު ދޮގު. ނުކުރާނެ ތިޔަ ކަމެއް. ތީ ކަލޭމެން ހިންގާ ޖަރީމާއެއް.
ތީ ކޮން ތަހުގީގެއް ކުރަންޖެހޭ ކަމެއް. ސީޕީ ހަމީދުގެ މޭޒުމަތީގައި އެއޮތީ އެ ރިޕޯޓްގެ ކޮޕީއެއް. އެއީ އެ ރިޕޯޓްގެ އެއް މުޞައްނިފު. ފިޔަވަޅު އަޅާނަމަ ފުރަތަމަ ވަކިކުރާންޖެހެނީ ސީޕީ ހަމީދު. ދެން ތީނަގެ އަންހެނުންނާއި ފަހަރި. ދެން ޅިޔަނު އިބޫ. މިކަން ވާނެތަ؟ ރައްޔިތުން ނުކުމެ މިކަން ކުރަންޖެހޭނީ.