ޖަރުމަން ބުންޑެސްލީގާގައި ރޭ ބަޔާން މިއުނިކްގެ މިސީޒަންގެ ފުރަތަމަ ބަލި ފެނިގެންދިޔައިރު، ފްރެއިބާގާއި ދެކޮޅަށް ޑޯޓުމުންޑް ކުޅުނު މެޗު ދެޓީމު އެއްވަރު ވެގެން ނިމިއްޖެއެވެ.
ބަޔާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅެވުނު މެޗުން ހޯފެންހާމްއާއި ބައްދަލުކޮށް އެކްލަބު ބަލިވެފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމިގެން ގޮސްފައިވާއިރު، މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ހޯފެންހާމްއިންނެވެ. މެޗުގެ 54 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ސާގިސް އަޑަމްޔާންއެވެ.
ބަޔާންގެ ފަރާތުން ގިނަ ހަމަލާތެއް ފެނިގެންދިޔަ ރޭގެ މެޗުގައި ބަޔާންއަށް ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 73 ވަނަ މިނަޓްގައި ރޮބާޓް ލެވެންޑޯސްކީ ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. އެހެންނަމަވެސް އޭގެ ހަމިނަޓްފަހުން އަނެއްކާވެސް ސާގިސް އަޑަމްޔާން އިތުރު ލަނޑެއްޖަހައި ދެވަނަ ފަހަރަށް ނަތީޖާ ހޯފެންހާމްކޮޅަށް އަނބުރާލިއެވެ.
އެއަށްފަހު އިތުރު ލަނޑެއް ޖެނުމަށް ބަޔާންއިން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުނުވެ، މެޗު ނިމިގެން ގޮސްފައިވަނީ 1-2 ގެ ނަތީޖާއަކުން ބަޔާން ބަލިވެގެންނެވެ. މިއީ ބުންޑެސްލީގާގެ މިސީޒަންގައި ބަޔާން ބަލިވި ފުރަތަމަ ފަހަރެވެ.

ރަށުން ބޭރުގައި ފްރެއިބާގާއި ދެކޮޅަށް ޑޯޓުމުންޑް ކުޅުނު މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.
ވިޓްސެލްގެ ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ލީޑުގައި އޮވެ ޑޯޓުމުންޑުން ނިންމާލިނަމަވެސް، ދެވަނަ ހާފު ފެއްޓުމާއެކު ވަލްޑަޝްމިޓްގެ ލަނޑަކުން ފްރެއިބާގުންވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
އަދި ހަކީމީގެ ލަނޑަކުން ދެވަނަ ފަހަރަށް ޑޯޓުމުންޑަށް ލީޑު ލިބިގެންދިޔައިރު، މެޗުގެ 89 ވަނަ މިނަޓްގައި އަކަންޖީގެ އަތުން ބައިކޮޅަށް ވަތްލަނޑަކާއެކު ޑޯޓުމުންޑްގެ މިލީޑް ކެންސަލްވެ، ކުރި ހުރިހާ މަސައްކަތް ފެނަށްވިއެވެ.



