ޖިންސީ ގޯނާގެ ތުޙުމަތުގައި އިއްޔެ ޙައްޔަރުކުރެވުނު ރާއްޖޭގެ ޤައުމީ ކުރިކެޓް ޓީމުގެ ކޯޗް އާސިފް ހާން ފުލުހުންގެ އިޙްމާލުން ދޫވި މައްސަލަ ބަލަން ފައްޓައިފިއެވެ.
ފުލުހުން ވިދާޅުވީ، ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައެއްގައި އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު އުމުރުން 46 އަހަރުގެ ސައުތު އެފްރިކާގެ ފިރިހެންމީހާގެ މުއްދަތު ޖަހަން މިއަދު މެންދުރު ކޯޓަށް ޙާޟިރުކުރިއިރު، އޭނާ ޙައްޔަރުކުރިތާ 24 ގަޑިއިރު ހަމަވެފައިވުމުން ކްރިމިނަލް ކޯޓުންވަނީ އޭނާ ދޫކޮށްލާފައިކަމަށެވެ.
އަދި މިގޮތަށް ދިމާވި ސަބަބު އިދާރީ ގޮތުން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، މިފަދަ ކަމެއް އިތުރަށް ތަކުރާރު ވިޔަނުދިނުމަށް ކުރަންޖެހޭ ކަންތައްތައް ކުރަމުންދާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
ޖިންސީ ގޯނާގެ ތުޙުމަތުގައި ޙައްޔަރު ކުރެވުނު މިމީހާ މިއަދު ކޯޓުން ދޫކޮށްލިނަމަވެސް، ކޯޓުން އޭނާގެ ޕާސްޕޯޓް ހިފަހައްޓާ 30 ދުވަސް ވަންދެން ފުރުން މަނާކޮށްފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ، މިމީހާ އަދިވެސް ހުރީ ރާއްޖޭގައި ކަމަށާއި، މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ތުޙުމަތުގައި ޙައްޔަރުކޮށްފައިވަނީ ރާއްޖޭގެ ޤައުމީ ކުރިކެޓް ޓީމުގެ ކޯޗް އާސިފް ހާންއެވެ. ފުރަންވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓާ އިއްޔެ ޙައްޔަރުކުރި ކޯޗު އާސިފް ޙާންގެ މިހަޑިހުތުރު ޢަމަލާއި ގުޅިގެން ދިވެހި އަންހެން އަދި ފިރިހެން ކްރިކެޓް ކުޅުންތެރިންގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ކޯޗުގެ މައްސަލައިގެ ޙަޤީޤަތް ނުބަލައި އޭނާ ރާއްޖެއިން ފުރުވާލަން ކްރިކެޓް ބޯޑުން މަސައްކަތްކޮށްފައިވާ ކަމަށާއި، ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކުރެވޭއިރު އޭގެ ތެރޭގައި ގިނައީ 18 އަހަރު ނުފުރޭ ކުޅުންތެރިން ކަމަށެވެ.
އަދި ކޯޗު އާސިފް ޙާން މިމައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށް ހުށަނާޅައި، ކްރިކެޓް ބޯޑުން އޭނާ ފުރުވާލަން އުޅުނު މައްސަލަ ހަރުކަށިކޮށް ކުށްވެރި ކުރާކަމަށްވެސް ކުޅުންތެރިންގެ ފަރާތުން ނެރުނު ބަޔާނުގައިވެއެވެ.




