ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ފުޓްބޯލް ކްލަބު ބާސެލޯނާ ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ.
އަމިއްލަދ ދަނޑުގައި ކުޅެވުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގެ ފުރަތަމަ މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނަޓްގައި ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިންިއިރު، މިލަނޑަކީ ހިތްގައިމު އޯވާހެޑަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ފަސް މިނަޓްފަހުން ވިދާލް ކާމިޔާބުކޮށްދިން ލަނޑަކާއެކު ބާސެލޯނާއިންވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

އަދި ބާސެލޯނާގެ ތިންވަނަ ލަނޑު މެޗުގެ 35 ވަނަ މިނަޓްގައި ފެނިގެންދިޔައިރު، މިލަނޑު ޑެމްބެލޭ ކާމިޔާބުކޮށްދީފައިވަނީ ސެވިއްޔާގެ ޑިފެންޑަރަށް އޮޅުވާލުމަށްފަހު ގޯލްގެ ދުރު ކަނަށެވެ.
ބާސެލޯނާގެ ހަތަރުވަނަ ކާމިޔާބުކޮށްދީފައިވަނީ ކެޕްޓަން ލިއޮނަލް މެސީއެވެ. ހިތްގައިމު ހިލޭ ޖެހުމަކުން މެޗުގެ 78 ވަނަ މިނަޓްގައި މެސީ ކާމިޔާބުކޮށްދިން މިލަނޑަކީ މިސީޒަންގައި މެސީ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މީގެއިތުރުން ސެވިއްޔާގެ ހާވިއާ ހަނަންޑޭޒް އެކަނިމާއެކަނި އޭރިއާއަށް ވަންނަން ދަނިކޮށް ކުރި ފައުލަކާއި ގުޅިގެން ބާސެލޯނާގެ ޑިފެންޑަރު އަރައުޖޯއަށް މެޗުގެ 87 ވަނަ މިނަޓްގައިވަނީ ރަތްކާޑު ދައްކާފައެވެ. އަދި މިރަތްކާޑާއި ހިތްހަމަނުޖެހި ގިނަ ބާސެލޯނާގެ ކުޅުންތެރިންތަކެއް ރެފްރީއަށް އެޕީލްކުރަމުން ދަނިކޮށް ޑެމްބެލޭ ރެފްރީއާއި މުޚާތަބުކޮށް ބުނި ބަހަކާއި ގުޅިގެން ޖެހިގެން އޭނާއަށްވެސް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
ރޭގެ މޮޅާއެކު މިހާތަނަށް ކުޅުނު 8 މެޗުން ލިބުނު ޖުމްލަ 16 ޕޮއިންޓާއެކު ބާސެލޯނާވަނީ ތާވަލްގެ ދެވަނައަށް ޖެހިލާފައެވެ. 18 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އޮތީ ވާދަވެރި ރެއަލްމެޑްރިޑެވެ.



