ސީރީއާ - ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ހިގުއައިން ނުކުމެ، ޔުވެންޓަސް އެއްވަނައަށް ގެންގޮސްދީފި

އިޓާލިއަން ސީރީއާގައި ރޭ އިންޓަރ މިލާން އާއި ބައްދަލުކުރި މެޗުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ގޮންޒާލޯ ހިގުއައިން ނުކުމެ، ޔުވެންޓަސް ތާވަލްގެ އެއްވަނައަށް ގެންގޮސްދީފިއެވެ.

އިންޓަރ މިލާންގެ ދަނޑުގައި ކުޅެވުނު މިމެޗު ޔުވެންޓަސް ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާ އަކުންނެވެ.

ރޭގެމެޗަށް ނުކުތްއިރު އިންޓަރ މިލާން ތާވަލްގެ އެއްވަނާގައި އޮތީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެއެވެ. އެހެންނަމަވެސް ރޭ ޔުވެންޓަސް އަތްދަށުވެ ތާވަލްގެ އެއްވަނަ އިންޓަރ މިލާންއަށް ގެއްލިފައިވާއިރު، ޔުވެންޓަސް ތާވަލްގެ އެއްވަނައަށް ޖެހިލާފައިވަނީ ޖުމްލަ 19 ޕޮއިންޓާއެކުގައެވެ. އިންޓަރ މިލާންއަށް ލިބިފައިވަނީ ޖުމްލަ 18 ޕޮއިންޓެވެ.

ވާދަވެރިކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގެ 4 ވަނަ މިނަޓްގައި ޕައުލޯ ޑިބާލާ ޔުވެންޓަސްއަށް ލީޑު ނަގައިދިން ނަމަވެސް އޭގެ ސާދަ މިނަޓްފަހުން ލަޓާރޯ މާޓިނޭޒް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިން ލަނޑަކާއެކު މެޗުގެ ނަތީޖާ ހަމަހަމަވެގެންދިޔައެވެ.

އަދި ޔުވެންޓަސް މޮޅުކޮށްދީފައިވަނީ ބަދަލުކުޅުންތެރި އެއްގެގޮތުގައި ނުކުތް ގޮންޒާލޯ ހިގުއައިންއެވެ. ބެންޓަންކާގެ ޕާހަކުން ލިބުނު ބޯޅައަކުން އޭރިއާތެރެއަށް ވަދެގެންދިޔަ ހިގުއައިން ފޮނުވާލި ބޯޅަ ގޯލް ތެރެއަށް ވަދެގެންދިޔައީ ކީޕަރު ކައިރިންލާފައެވެ.

މީގެއިތުރުންވެސް ލަނޑު ޖަހާނެ އިތުރު ފުރުޞަތުތަކެއް ދެޓީމަށްވެސް ލިބިގެން ގޮސްފައިވާއިރު، ގޯލްގެ ދަނޑިއާ އަމާޒުވި ރޮނާލްޑޯގެ ހަމަލާ ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ