ފަތުރުވެރިންނަށް އެހީތެރިވުމަށް އެއާޕޯޓުގައި ހެލްޕް ޑެސްކެއް ގާއިމްކޮށްފި

ފަތުރުވެރިންނަށް އެހީތެރިވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ހެލްޕް ޑެސްކެއް ގާއިމްކޮށްފި އެވެ.

މި ހެލްޕް ޑެސްކް އިފްތިތާޙުކޮށް ދެއްވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެއަރޕޯރޓުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅެއްކަމުގައިވާ އަލްފާޟިލް މުހަންމަދު ޝިޔާމް އެވެ.

މި ޑެސްކް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ ކޯވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި، މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހަދާފައިވާ ގައިޑްލައިންތަކުގެ ފަތުރުވެރިންނަށް ފޯރުކޮށްދިނުމާއި، ސިއްޙީ ޚިދުމަތްދޭ އިދާރާތަކާއި، ފަތުރުވެރިންނާ ދެމެދު ހިނގާ މުޢާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ރިޒޯޓް، ހޮޓާ، ގެސްޓްހައުސް، ސަފާރީ އުޅަނދު އަދި ޓްރެވެލް އޭޖެންޓުންނާ ފަތުރުވެރިންނާ ދެމެދު ދިމާވާ މައްސަލަތަކަށް އަވަސް ހައްލު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އިމިގްރޭޝަން، ކަސްޓަމްސް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި މި ނޫންވެސް ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ ފަތުރުވެރިންނާ ދެމެދު ހިނގާ މުޢާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެއަރލައިންތަކާއި ޓޫރިސްޓް ޕޮލިހާއި، ފަތުރުވެރިންނާ ދެމެދު ހިނގާ މުޢާމަލާތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ އަދި މި ނޫންވެސް ފަތުރުވެރިންނަށް އެއަރޕޯޓުގައި ދިމާވެދާނެ ދަތިތަކަށް އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.

މި ހެލްޕް ޑެެސްކާއިއެކު ފަތުރުވެރިން ރާއްޖެއައިސް، ރާއްޖެއިން ފުރައިގެން ދިއުމުގައި، ހެދިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ފަސޭހަކަމާއިއެކު ޢަމަލުކުރެވި، ފަތުރުވެރިންގެ ރައްކައުތެރިކަން މިހާރަށްވުރެ އިތުރަށް ކަށަވަރުވެގެންދާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.

ވެލާނާ އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުސޫމްގެ އިތުރުން މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްއާއި، އެއަރޕޯރޓުގައި ޙަރަކާތްތެރިވާ އެހެނިހެން ކަމާބެހޭ ފަރާތްތަކުން ބައިވެރިވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ