ބުރުގާ އެޅުން މަނާކުރުމަށް ދިވެއްސަކު ގޮވާލި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ބުރުގާ އެޅުން މަނާކުރުމަށް ދިވެއްސަކު ގޮވާލި ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ބުރުގާ އެޅުން މަނާކުރުމަށް ގޮވާލާފައިވަނީ އާމިރު އަޙްމަދު ކިޔާ ދިވެހި ފިރިހެނެކެވެ.
ދީނަށް ފުރައްސާރަކޮށް، ބުރުގާ އެޅުމާ ދެކޮޅަށް ދިވެއްސަކު ވާހަކަދައްވާ ވީޑިއޯ މީސްމީޑއާގައި ދައުރުވަމުންދާއިރު، އެ މީހާ ބުނަނީ، ރާއްޖެއަށް ޑިމޮކްރަސީ ގެނެވިއްޖެ ކަމަށާއި، މިހާރު ކޮންމެހެން ބުރުގާ އަޅަން ނުޖެހޭ ކަމަށެވެ.
ބުރުގާ އެޅީމާ ގައިން ނުބައި ވަސް ދުވާ ކަމަށާއި، ބުރުގާގެ ސަބަބުން އިސްތަށިގަނޑު ނުފެންނަ ކަމަށް އެމީހާ އާއްމުކުރި ވީޑިއޯގައި ބުނެފައިވެއެވެ.
“ބުރުގާ މިރާއްޖޭގައި މަނާކުރަންވީ، ބުރުގާ އަޅައިގެން އުޅޭ މީހުން ބަންދުކުރާގޮތަށް ހަމަޖައްސަންވީ، އެނޫން ގޮތެއް ނެތް. މިހާރު މިއޮތީ ޑިމޮކްރަސީ އައިސްފައި. ދެން މާ މުހިންމެއް ނުވާނެ ބުރުގާއެއް، ޑިމޮކްރަސީ އައީމާ.” ދީނަށް ފުރައްސާރަކުރި މީހާ ބުނެފައިވެއެވެ.
ބުރުގާ އެޅުމަކީ މުޑުދާރު ގޮތެއް ކަމަށް އެމީހާ ސިފަކޮށްފައިވާއިރު، އަންހެނުންގެ ރީތިކަން ނުފޮރުވާ ދެއްކުމަށް އެ ދިވެހި މީހާ ވަނީ ގޮވާލާފައެވެ.
ބުރުގާ އެޅުން މަނާކޮށްދިނުމަށް އެމީހާ ވަނީ ރައީސް ޞޯލިޙްއަށްވެސް ގޮވާލާފައެވެ.
ދީނަށް ފުރައްސާރަކުރުން އިތުރުވަމުންދާއިރު، އެފަދަ ކަންކަމަށް އަވަސް ފިޔަވަޅު އަޅައިދިނުމަށް ގިނަ ދިވެހިން ދަނީ ގޮވާލަމުންނެވެ.