އޭޖީ އޮފީސް ހުންނަ ވެލާނާ ބިލްޑިންގ - ފޮޓޯ: ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ބިލަށް ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު މިއަދު އެޓާރނީ ޖެނެރަލްގެ އޮފީހުން ހުޅުވާލައިފިއެވެ.

ޢާންމުންގެ ޚިޔާލަށާއި ކަމަބެހޭ ފަރާތްތަކުގެ ޚިޔާލަށް ހުޅުވާލައި، މިއަދު ޢާންމުކުރި މަދަނީ އިޖުރާއަތުގެ ބިލުގެ ދެލިކޮޕީ އެކުލަވާލައްވާފައިވަނީ، އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ އެހީއާއެކު އޭޖީ އޮފީހަށް ޢައްޔަންކޮށްފައިވާ ކޮންސަލްޓަންޓެއް ކަމަށްވާ، އިނގިރޭސިވިލާތުގެ ނޮދަމްބްރިއާ ޔުނިވަރސިޓީގެ ލޯ ސްކޫލްގައި ސީނިއަރ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވަމުންގެންދަވާ މިސްޓަރ އިމެނުއަލް ގުއިންޝާޑެވެ.

ބިލު އެކުލަވާލުމުގައި ވިސްނާފައިވާނީ، މަދަނީ ދަޢުވާތަކާބެހޭ އުސޫލުތަކާއި، ޝަރީޢަތަށް މައްސަލަ ފޮނުވުމުގެ ކުރިން މައްސަލަ ޙައްލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގެ އުސޫލުތަކާއި، ހެއްކާބެހޭ ބައެއް އުސޫލުތަކާއި، ރާއްޖެއިން ބޭރުގެ ކޯޓުތަކުގައި ކޮށްފައިވާ ޙުކުމްތައް ދިވެހިރާއްޖޭގައި ތަންފީޛުކުރުމާގުޅޭ އުސޫލުތަކާއި، ޙުކުމް ތަންފީޛުކުރުމާގުޅޭ އުސޫލުތަކާއި، އިސްތިއުނާފުކުރުމާގުޅޭ އުސޫލުތަކާއި، އެނޫންވެސް މަދަނީ އިޖުރާއަތާގުޅޭ ޢާންމު އުސޫލުތައް، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއަށާއި، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އުސޫލުތަކަށްވެސް ރިޢާޔަތްކުރުމާއެކު ހިމެނުމަށެވެ.

މަދަނީ އިޖުރާއަތުގެ ބިލަށް ޚިޔާލު ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް، 15 އޮކްޓޯބަރު 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ