ދުވަހަކުވެސް ރެއަލްމެޑްރިޑް ޖާޒީއެއް ނުލަން: ޕީކޭ

ވާދަވެރި ރެއަލްމެޑްރިޑްގެ ޖާޒީއެއް ދުވަހަކުވެސް ނުލާކަމަށް ބާސެލޯނާގެ ފަހަތަށް ކުޅެމުން އަންނަ ޖެރާޑު ޕީކޭ ބުނެފިއެވެ.

ވާދަވެރި ރެއަލްމެޑްރިޑް އަބަދުވެސް ސީރިއަސްކޮށް ނަގަމުން އަންނަ އުމުރުން 32 އަަހަރުގެ ޕީކޭ ބާސެލޯނާއާއި ގުޅުނީ 2008 ވަނަ އަހަރުއެވެ. އެއަށްފަހު ގިނަ ކާމިޔާބީތަކެއް އެކްލަބާއެކު ހޯދާފައިވާ ޕީކޭވަނީ ބާސެލޯނާއާއެކު ސްޕެނިޝް ލަލީގާ 8 ފަހަރެއްގެ މަތިން ކާމިޔާބުކޮށް، ތިން ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

"ރެއަލްމެޑްރިޑް ކުޅުންތެރިންނާއެކު ޖާޒީ ބަދަލުކުރިނަމަވެސް ދުވަހަކުވެސް ރެއަލްމެޑްރިޑް ޖާޒީއެއް ނުލަން." ޕީކޭ ބުންޏެވެ.

މީގެއިތުރުން ޕީކޭ ބުނީ އޭނާއަށް ކާމިޔާބީއެއް ލިބުން ނޭދޭ މީހުންގެ ފަރާތުން ލިބެނީ އިތުރު ހިތްވަރެއްކަމަށާއި އެކަމުގެ ސަބަބުން މޮޅަށް ކުޅުމުގެ ޖޯޝާއި ފޯރި އިތުރުވާކަމަށެވެ.

އަދި ފުޓްބޯޅައަކީ ވަރަށް ފާޑެއްގެ ކުޅިވަރެއްކަމަށާއި ޓީމު ބަލިވާހިނދު ފާޑުކިޔާ ފަދައިން މޮޅުވީމަ މެޗުގައި ތިމާމީހާއަށް ރަނގަޅަށް ނުކުޅެވުނުނަމަވެސްތަޢުރީފުވެސް ކުރާނެކަމަށްވެސް ޕީކޭވަނީ ބުނެފައެވެ.

ފާޑުކިއުންތަކުގެ އަސަރު ބޮޑަށް ކުރާނީ ޒުވާން ދުވަސްވަރުކަމަށާއި އެހެންނަމަވެސް ކުރިއަށްދިއުމަށް މިފާޑުކިއުންތަކަށް ހޭނެންޖެހޭކަމަށްވެސް ޕީކޭވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ