އަމިއްލަ މުސާރަ ކުޑަކޮށްގެންވެސް ކުޅުންތެރިން ހުރީ ނޭމާ ބާސެލޯނާއަށް ގެންނަން: ޕީކޭ

ބާސެލޯނާ ކުޅުންތެރިންގެ އަމިއްލަ މުސާރަ ކުޑަކޮށްގެންވެސް ނޭމާ ބާސެލޯނާއަށް ގެންނަން ތައްޔާރަށް ކުޅުންތެރިން ހުރިކަމަށް ބާސެލޯނާގެ ފަހަތަށް ކުޅެމުން އަންނަ ޖެރާޑް ޕީކޭ ބުނެފިއެވެ.

ޕީކޭ ބުނީ ބާސެލޯނާ ކުޅުންތެރިން ހުރީ ނޭމާ ގެންނަން ވަރަށް ބޭނުންވެފައިކަމަށާއި އެކަމަށްޓަކައި ކޮންމެކަމެއްވެސް ކުރަން ތައްޔާރަށް ހުރި ކަމަށެވެ. އަދި ނޭމާ ގެނައުމަށް ކުރެވެން ހުރިހާ ކަމެއް ކުރެވޭތޯ ކުޅުންތެރިން ބެލިކަމަށްވެސް ޕީކޭ ބުންޏެވެ.

ޕީއެސްޖީ ދޫކޮށް ބާސެލޯނާއާއި އަލުން ގުޅެން ބޭނުންވާކަމަށް ނޭމާ އިޢުލާންކުރި ހިސާބުން ފެށިގެން ބާސެލޯނާއިން އޭނާ ގެނައުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން ބާސެލޯނާއިން ގިނަ ހުށަހެޅުންތަކެއް ޕީއެސްޖީއަށް ހުށަހެޅިނަމަވެސް އެއިން އެއްވެސް ހުށަހެޅުމެއް ޕީއެސްޖީވަނީ ޤަބޫލުނުކޮށްފައެވެ.

ނޭމާ ގެންނަން ކުރި މަސައްކަތްތައް ކާމިޔާބު ނުވުމުން، ބާސެލޯނާގެ ބަދަލުގައި ނޭމާ ރެއަލްމެޑްރިޑާއި ގުޅޭނެކަމަށް ހީކުރިކަމަށްވެސް ޕީކޭވަނީ ބުނެފައެވެ. ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީވެސް މިހެން ބުނެފައިވާއިރު، ނޭމާ ގެންނަން ކުރެވެންހުރި ހުރިހާކަމެއް ބާސެލޯނާއިން ކުރިކަމެއް ޔަޤީންނުވާކަމަށް އޭނާވަނީ ބުނެފައެވެ.

ބާސެލޯނާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ނޭމާ 222 މިލިއަން ޔޫރޯއަށް ޕީއެސްޖީއާއި ގުޅުނީ 2017 ވަނަ އަހަރުއެވެ.

މިސީޒަންގައި ނޭމާގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުން އަންނައިރު، ފަހު ވަގުތު ލަނޑުޖަހައި އެތަށް މެޗަކުން އޭނާވަނީ ޕީއެސްޖީ ސަލާމަތްކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ