ބާސެލޯނާއަށް ލަލީގާއާއި ޗެމްޕިއަންސް ލީގުވެސް މިސީޒަންގައި ކާމިޔާބުުރެވިދާނެކަމަށް އެކްލަބުގެ ފަހަތަށް ކުޅެމުން އަންނަ ޖެރާޑު ޕީކޭ ބުނެފިއެވެ.
ކޮޕަޑެލްރޭ ކުއާޓާރ ފައިނަލްގައި އެތުލެޓިކް ބިލްބާއޯއަތުން ދަށްވެ ބާސެލޯނާ މުބާރާތުން ކަޓާފައިވާއިރު، އެކްލަބަށް މިސީޒަންގައި މިހާރު ކާމިޔާބުކުރެވެން އޮތީ ދެމުބާރާތެވެ. އެއީ ސްޕެނިޝް ލަލީގާއާއި ޔޫއެފާ ޗެމްޕިއަންސް ލީގެވެ.
ބުސްކެޓް އަތުން ބައިކޮޅަށް ވަތް ލަނޑަކާއެކު އެތުލެޓިކް ބިލްބާއޯ އަތުން ބަލިވެ، ބާސެލޯނާ ކޮޕަޑެލްރޭއިން ކަޓާފައިވާއިރު، މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ސްޕެނިޝް ސުޕަކޮޕާއިން ބާސެލޯނާ ކަޓާފައިވަނީ ސެމީ ފައިނަލްގައި އެތުލެޓިކޯ މެޑްރިޑް އަތްދަށުވެއެވެ.
ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހިދާނެކަމުގެ ބިރު ހީވެފައިވާ މިދަނޑި ވަޅުގައި ޕީކޭ ބުނީ، ކާމިޔާބު ކުރެވެން ބާކީ އޮތް ދެމުބާރާތް (ލަލީގާ އަދި ޗެމްޕިއަންސް ލީގު) ކާމިޔާބުކުރުމުގެ އިތުބާރާއި ހުނަރު ބާސެލޯނާ ޓީމުގައި އެބަހުރިކަމަށެވެ.
އާނެސްޓޯ ވަލްވާޑޭ ވަކިކޮށް ބާސެލޯނާގެ ކޯޗުކަމަށް ކީކޭ ސެޓިއެން ހަމަޖައްސާފައިވަނީ މިދިޔަ ޖެނުއަރީ މަހުއެވެ. ކީކޭގެ އިރުޝާދުގެ ދަށުން ބާސެލޯނާ ކުޅުނު މެޗުތަކުގައި ކުރިން ފެންނަ ކަހަލަ ރީތި ކުޅުމެއް ފެނިފައިނުވިނަމަވެސް. ކުޅުނު ފުރަތަމަ ފަސް މެޗުގެ ތެރެއިން ހަތަރު މެޗުންވަނީ މޮޅުވެފައެވެ. އަދި އަނެއް މެޗުން ދަށްވެފައިވާއިރު، އެއީ ލަލީގާގައި ވެލެންސިއާއާއި ދެކޮޅަށް ކުޅުނު މެޗެވެ. އެމެޗުން ބާސެލޯނާ ދަށްވީ 2-0 ގެ ނަތީޖާއަކުންނެވެ.
ވެލެންސިއާ އަތުން ދަށްވެ ބާސެލޯނާ ތާވަލްގެ ދެވަނައަށްވަނީ ވެއްޓިފައެވެ. 22 މެޗުން ބާސެލޯނާއަށް ލިބެނީ 46 ޕޮއިންޓެވެ. ވާދަވެރި ރެއަލްމެޑްރިޑް ތާވަލްގެ އެއްވަނާގައި އޮތީ 22 މެޗުން ލިބުނ 49 ޕޮއިންޓާއެކުގައެވެ.




