ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވާ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރު ސޮއި ކުރައްވައިފި އެވެ.
މި މަހުގެ 19 ވަނަ ދުވަހު އެމްއާރްއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަނަށެވެ. އެއާއެކު ޕާޓީއަށް މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެގޮތުން، ރޭ މިނިސްޓަރު އާތިފާ ވަނީ އެމްއާރްއެމްއަށް ސޮއި ކުރައްވާފަ އެވެ.
ރައީސް ޔާމީން އާއި ރައީސް މައުމޫންއާ ދެމެދު ދެބަސްވުންތައް އުފެދި ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަނެއް އުފެދުނު އިރު އާތިފާ ހުންނެވީ ރައީސް މައުމޫންގެ އަރިހުގަ އެވެ. އާތިފާއަށް މިނިސްޓަރުކަން ލިބިވަޑައިގެންނެވީ ވެސް ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނުނު ރައީސް މައުމޫންގެ ފެކްޝަނުގެ ސްލޮޓުންނެވެ.
މިނިސްޓަރު އާތިފާ އެމްއާރްއެމްއަށް ސޮއި ކުރައްވާފައިވާ އިރު ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން އާއި އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި ރައީސް މައުމޫންގެ ތާއީދާއެކު މަޖިލިސް އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރައްވަމުން ގެންދަވާ އިބްރާހިމް ޒިޔަތުވެސް ރޭ ވަނީ އެމްއާރްއެމްއަށް ސޮއި ކުރައްވައިފަ އެވެ.




