ރޭ ކުޅެވުނު ރަޙްމަތްތެރިކަމުގެ މެޗުގައި ފަހަތުން އަރައި އާޖެންޓީނާ ޖަރުމަނުއާއި އެއްވަރުކޮށްފިއެވެ.
ޑޯޓުމުންޑްގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 2-0 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.
ޖަރުމަނުގެ ފުރަތަމަ ލަނޑު 15 ވަނަ މިނަޓްގައި ނާބްރޯ ކާމިޔާބުކޮށްދިންއިރު، 22 ވަނަ މިނަޓްގައި ފެނިގެންދިޔަ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހަވެޓްޒްއެވެ. ޖަރުމަނީގެ ޒުވާން ނާބްރީވަނީ މިހާތަނަށް ޖަރުމަނަށް ކުޅެދިން 11 މެޗުން 10 ލަނޑު ޖަހާފައެވެ. އަދި ޖަރުމަނުގެ ޤައުމީ ޓީމަށް އެންމެ އަވަހަށް 10 ލަނޑު ޖަހައިދިން ކުޅުންތެރިއަކަށް ނާބްރީ ވެގެންދިޔައިރު މިރެކޯޑު ކުރިން އޮންނަނީ ކުރިން ކުޅުނު މިރޮސްލާވް ކްލޯސެއަތުގައެވެ.

ދެލަނޑު ތަފާތަކުން ދަށުގައި އޮތް އާޖެންޓީނާއިންވަނީ މެޗުގެ ދެވަނަ ހާފުގައި ކުޅުން ވަރަށް ބޮޑުތައް ރަނގަޅުކޮށްފައެވެ. އެއާއެކު ޖަރުމަނުގެ ގޯލަށް ނުރައްކާ ކުރަންފެށި އާޖެންޓީނާއަށް އެނބުރި ގޭމަށް އާދެވުނީ 66 ވަނަ މިނަޓްގައި އަލަރިއޯ ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ.
އަދި މެޗުގެ ފަހު ފަސްވަނަ މިނަޓްގައި އާޖެންޓީނާގެ އޮކަމްޕޯސް ކާމިޔާބުކޮށްދިން ލަނޑަކާއެކު މެޗުގެ ނަތީޖާ ހަމަހަމަވެގެންދިޔައެވެ. ރޭގެ މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާ އަކުންނެވެ.
ދެޓީމުގެ ފަަރާތުންވެސް ވަރުގަދަ ކުޅުމެ ފެނުނު ރޭގެ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެފައިނުވާކަން ފާހަގަކޮށްލެވެއެވެ.



