ދެމެޗުގެ ސަސްޕެންޝަން އަކާއެކު ޑެމްބެލޭއަށް އެލްކްލެސިކޯ ގެއްލިއްޖެ

ދެމެޗުގެ ސަސްޕެންޝަން އަކާއެކު ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި އޮސްމާން ޑެމްބެލޭއަށް ލަލީގާގައި ކުރިއަށްއޮތް އެލްކްލެސިކޯ ގެއްލިއްޖެއެވެ.

ޑެމްބެލޭއަށް ސަސްޕެންޝަން އައިސްފައިމިވަނީ މިދިޔަ ހަފްތާ ބަންދުގައި ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީއާއި މުޚާތަބަކޮށް ބުނި އެއްޗަކާއި ގުޅިގެން ދެއްކި ރަތްކާޑުގެ ސަބަބުންނެވެ. އެމެޗުގެ 4-0 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފައިވާއިރު، 87 ވަނަ މިނަޓްގައި ބާސެލޯނާގެ ރޮނަލްޑަށް ދެއްކި ރަތްކާޑާއެކު ޑެމްބެލޭވަނީ ރެފްރީއަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި 88 ވަނަ މިނަޓްގައި ރެފްރީ ޑެމްބެލޭއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިއެވެ.

ރެފްރީ އެންޓޯނިއޯ މަޓެއު ލަހޯޒްއާއި މުޚާތަބުކޮށް ތިއީ ވަރަށް ގޯސް މީހެކޭ ޑެމްބްލޭ ބުނުމުގެ ސަބަބުން އައި މި ދެ މެޗުގެ ސަސްޕެންޝަންއާއެކު އޭނާއަށް ބާސެލޯނާ އީބާއާއި ދެކޮޅަށް ކުޅޭ މެޗާއި، މިމަހުގެ 26 ވަނަ ދުވަހު ރެއަލްމެޑްރިޑާއި ދެކޮޅަށް ކުޅޭ އެލްކްލްސިކޯގައިވެސް ނުކުޅެވޭނެއެވެ.

މިހާތަނަށް ކުޅުނު 8 މެޗުން ލިބުނު ޖުމްލަ 16 ޕޮއިންޓާއެކު ބާސެލޯނާ ތާވަލްގެ ދެވަނާގައި އޮތްއިރު، 18 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އޮތީ ވާދަވެރި ރެއަލްމެޑްރިޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ