ބްރެޒިލް ޤައުމީ ޓީމަށް 100 މެޗު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިއަކަށް ނޭމާ

ބްރެޒިލްގެ ޤައުމީ ޓީމަށް 100 މެޗު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިއަކަށް ޕީއެސްޖީގެ ތަރި ނޭމާ ވެއްޖެއެވެ.

އުމުރުން 27 އަހަރުގެ ނޭމާ ބްރެޒިލް ސީނިއާ ޤައުމީ ޓީމުން އެންމެ ފުރަތަމަ ފެނިފައިވަނީ 2010 ވަނަ އަހަރުއެވެ. އެއަހަރުގެ އޮގަސްޓްމަހު އެމެރިކާއާއި ދެކޮޅަށް ކުޅުނު ރަޙްމަތްތެރިކަމުގެ މެޗުގައި (ނޭމާގެ ފުރަތަމަ މެޗުގައި) އޭނާ ލަނޑެއްވެސް ކާމިޔާބުކޮށްދީފައިވެއެވެ.

ރޭ ސެނެގޯލްއާއި ދެކޮޅަށް ކުޅުނު މެޗުން ބްރެޒިލް ޤައުމީ ޓީމަށް 100 މެޗު ހަމަކުރި ނޭމާ ހިމެނެނީ އެޤައުމުގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކުޅުންތެރިންގެ ލިސްޓްގެ ތިންވަނާގައެވެ. ނޭމާ ބްރެޒިލް ޤައުމީ ޓީމަށް މިހާތަނަށް 61 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، ދެވަނަގައި އޮތް ރޮނާލްޑޯ ޖަހާފައިވަނީ 62 ލަނޑެވެ. އަދި އެއްވަނާގައި އޮތް ޕެލޭވަނީ ޖުމްލަ 77 ލަނޑު ބްރެޒިލް ޤައުމީ ޓީމަށް ކާމިޔާބުކޮށްދީފައެވެ.

ނޭމާވަނީ ބްރެޒިލް ޖާޒީގައި މިހާތަނަށް ތިން ހެޓްރިކް ހަދާފައެވެ.

"ބްރެޒިލްއަށް 100 މެޗު ހަމަކޮށްދެވުމުން މިހުރީ ވަރަށް އުފަލުން. މިކަން ވާނެކަމަށް ހުވަފެނުގައި ނުދެކެން." ނޭމާ ބުންޏެވެ.

މީގެއިތުރުން ނޭމާ ބުނީ، ވޭތުވެދިޔަ އަހަރު ތަކުގައި ގިނަ ކަންތައްތަކާއި ކުރިމަތިލާންޖެހިފައިވާކަމަށާއި، އެއްވެސް މީހަކަށް އަބަދު އެއްކުޅުމެއް ނުދެއްކޭނެކަމަށެވެ. އަދި ތިމާ މީހާއަށް ގޯސްތަށްވެސް ހެދޭނެކަމަށާއި، ބައްޔާއި، ނަފްރަތާއި ކުރިމަތި ލާންޖެހޭނެކަމަށްވެސް ނޭމާވަނީ ބުނެފައެވެ.

ރޭ ސެނެގޯލްއާއެކު ބްރެޒިލް ކުޅުނު ރަޙްމަތެރިކަމުގެ މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. ބްރެޒިލްގެ ލަނޑު ރޮބާޓޯ ފިރްމީނޯ ކާމިޔާބުކޮށްދިންއިރު، ސެނެގޯލްގެ ލަނޑު ޖަހާފައިވަނީ ފަމަރާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ