ސްޕެއިންގެ ޓެކްސް އޮފީހުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާމެދު ކަންތައްތައް ކޮށްފައިވަނީ އިންސާފަކުން ނޫންކަމަށް ލަލީގާގެ ރައީސް ހާވިއާ ޓެބާސް ބުނެފިއެވެ.
މީގެ އަހަރުތަކެއް ކުރިން ޓެކްސްއަށް އޮޅުވާލިކަމަށްބުނެ، މެސީ އާއި އޭނާގެ ބައްޕައާ މެދު ސްޕެއިނުން 2013 ގައި އަމަލުކުރި ވަރަށް ދެރަކޮށް ކަމަށާއި އެދުވަސްވަރު އެ ގައުމު ދޫކޮށްލަން ވިސްނި ކަމަށް މިދިޔަ ބުދަ ދުވަހު ދިން އިންޓަރވިއުއެއްގައި މެސީވަނީ ބުނެފައެވެ.
މިއިންޓަރވިއު އަޑުއިވުމަށްފަހު ޓެބާސް ބުނީ، އޭނާ ޤަބޫލުކުރާގޮތުގައި އެއީ ކްރމިނަލް މައްސަލައަކަށްވުރެ އެޑްމިނިސްޓްރޭޓިވް މައްސަލައެއްކަމަށާއި، މެސީ އެއްބަސްވުން ތަކުގައި ސޮއިކުރުމުގެ ކުރިން އޭގައި އޮންނަ ހުރިހާ އެއްޗެއް ކިޔާނެކަމަށް ނުދެކޭކަމަށެވެ.

"އަހަރެންވެސް ލަލީގާ އެއްބަސްވުމުގައި ސޮއިކުރީ މުޅި އެއްބަސްވުން އެއްކޮށް ނުކިޔާ. އެކިޔަންޏާ މުޅި ދުވަހު އެތާ ހުންނަން ޖެހޭނެ." ލަލީގާގެ ރައީސް ޓެބާސް ބުންޏެވެ.
އަދި މެސީ ލަލީގާ ދޫކޮށްލަފާނެކަމަށް މީގެކުރިން ނުވެސް ވިސްނާކަމަށާއި ނަމަވެސް މެސީގެ އިންޓަރވިއުއަށްފަހު އޭނާ ސްޕެއިން ދޫކޮށްލަފާނެކަމުގެ ބިރުވެރިކަން އުފެދިއްޖެކަމަށްވެސް ޓެބާސް ބުންޏެވެ.
މީގެއިތުރުން ޓެބާސް ބުނީ، މެސީއާއި ދޭތެރޭ އެގޮތަށް ކަންތައްވެގެން ދިޔަނަމަވެސް ސްޕެއިންގައި މަޑުކުރަން ނިންމުމުން އޭނާއަށް ޝުކުރުވެރިވާކަމަށާއި، މެސީއަށް އެހީތެރިވާން ތައްޔާރަށް ހުރިކަމަށެވެ.
މެސީ ބާސެލޯނާގެ އެކަޑަމީއާއި ގުޅުނީ އޭނާގެ އުމުރުން އެންމެ 14 އަހަރުގައެވެ. އަދި 2005 ގައި ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެން ފެށި މެސީ އަކީ މިހާރު އެކްލަބުގެ ރަމްޒެކެވެ. އުމުރުން 31 އަހަރުގެ މެސީވަނީ ބާސެލޯނާއާއެކު ސްޕެނިޝް ލީގު ނުވަ ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހާސިލްކޮށް ބެލޮންޑޯ އެވޯޑް ފަސް ފަހަރު ހޯދާފައިވެއެވެ.



