ޔޫއެފާ ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކެރިއަރުގައި ޖެހި 699 ވަނަ ލަނޑާއެކު، ޕޯޗުގަލްއިން ލަކްސެމްބާގް ބަލިކޮށްފިއެވެ.
3-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކާމިޔާބުކުރި މިމެޗުގެ ފުރަތަމަ ލަނޑު ބަނާޑޯ ސިލްވާ ޖަހާދީފައިވަނީ މެޗުގެ 16 ވަނަ މިނަޓްގައެވެ. މިނަތީޖާ އާއެކު ޕޯޗުގަލް ކުރީގައި އޮތްނަމަވެސް ލަކްސެމްބާގުންވަނީ މެޗުގެ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި މޮޅު ކުޅުމެއް ދައްކާ ޕޯޗުގަލް ހާސްކޮށްލާފައެވެ.
މެޗުގެ ދެވަނަ ހާފު ފައްޓާ މާގިނައިރުތަކެއް ނުވަނީސް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑެއްޖަހައި ޕޯޗުގަލް ހަމައަކަށް އަޅުވާލިއިރު، މިއީ ރޮނާލްޑޯ ކެރިއަރުގައި ޖެހި 699 ވަނަ ލަނޑެވެ.
އަދި ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިންގެ ލިސްޓްގެ ދެވަނާގައި އޮންނަ ރޮނާލްޑޯ ރޭގައި ޖެހި ލަނޑަކީ ޕޯޗުގަލް ޖާޒީގައި އޭނާ ޖެހި 94 ވަނަ ލަނޑެވެ. 109 ލަނޑާއެކު މިލިސްޓްގެ އެއްވަނާގައި އޮންނަނީ އީރާނުގެ ލެޖެންޑް ޢަލީ ދައެއީއެވެ.
ރޮނާލްޑޯގެ ލަނޑަށްފަހު މެޗު ކޮންޓްރޯލް ކުރަމުންއައި ޕޯޗުގަލްގެ ތިންވަނަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 89 ވަނަ މިނަޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ގޮންކާލޯ ގުއޭޑްސްއެވެ.
އަމިއްލަ ޤައުމުގައި ކުޅެވުނު ރޭގެ މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ޕޯޗުގަލްއަށް ލިބިގެން ގޮސްފައިވާއިރު، ފޭލިކްސް އަތުން ބޭކާރުވެގެންދިޔަ ރީތި ދެ ފުރުޞަތު ފާހަގަކޮށްލެވެއެވެ.
ރޭގެ މޮޅާއެކު މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު ޖުމްލަ 11 ޕޮއިންޓާއެކު ޕޯޗުގަލް އޮތީ ގްރޫޕް ބީ ގެ ދެވަނާގައެވެ.




