ޔޫރޯ ކޮލިފައިން - އިންގްލޭންޑް ދަށްވިއިރު، އައިސްލޭންޑް އަތުން ފްރާންސަށް މުހިންމު މޮޅެއް

ޔޫއެފާ ޔޫރޯ ކޮލިފައިންގައި ރޭ އައިސްލޭންޑާއި ދެކޮޅަށް ކުޅުނު މެޗުން ހަނި ގޮތަށް ފްރާންސް މޮޅުވެއްޖެއެވެ.

އައިސްލޭންޑްގައި ކުޅެވުނު މިމެޗު ފްރާންސްއިން ކާމިޔާބުކޮށްފައިނީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން އޮލިވަރ ޖިރޫޑް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 66 ވަނަ މިނަޓްގައެވެ. އަދި ހުރިހާގޮތަކުންވެސް މެޗު ކޮންޓްރޯލް ކުރަމުންދިޔަ ފްރާންސްއިންވަނީ ރޭގެ މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ރޭގެ މޮޅާއެކު ފްރާންސްއިންވަނީ ގްރޫޕް އެޗްގެ އެއްވަނާގައި އޮތް ޓާކީއާއި ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފައެވެ.

ޔޫއެފާ ޔޫރޯ ކޮލިފައިންގައި ރޭ ޗެކް ރިޕަބްލިކާއި ދެކޮޅަށް ކުޅުނު މެޗުން އިންގްލޭންޑް ދަށްވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ލިބުނު ޕެނަލްޓީއަކުން މެޗުގެ 5 ވަނަ މިނަޓްގައި ހެރީ ކޭން އިންގްލޭންޑަށް ލީޑު ނަގައިދިން ނަމަވެސް، ގިނަ ހަމަލާތަކެއް އުފަށްދަމުން ނުރައްކާތެރި ކުޅުމެއް ކުޅުނު ޗެކް ރިޕަބްލިކުންވަނީ ފަހަތުން އަރައި ނަތީޖާ އަނބުރާލާފައެވެ.

މެޗުގެ 9 ވަނަ މިނަޓްގައި ބްރަބެކް ޗެކްރިޕަބްލިކަށް ނަތީޖާ ހަމަހަމަކޮށްދިންއިރު، މޮޅުވި ލަނޑު މެޗުގެ 85 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ އޮންޑްރަސެކްއެވެ.

ރޭގެ މެޗުން ބަލިވިނަމަވެސް މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު އިންގްލޭންޑް އޮތީ ގްރޫޕް އޭ ގެ އެއްވަނާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ