4000 ކިލޯ މީޓަރުގެ ރެއިލް ދަތުރަކަށްފަހު ނޯތް ކޮރެއާގެ ލީޑަރ ކިމް ޖުން އުން މިއަދު ވެއެޓްނާމަށް ވަޑައިގެންފިއެވެ.
ކިމް ވެއެޓްނާމަށް މިވަޑައިގެންނެވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލު ވުމަކަށެވެ. މިއީ މިދެލީޑަރުން ބައްދަލުކުރައްވާ ދެވަނަ ފަހަރެވެ. ފުރަތަމަ ބައްދަލު ކުރައްވައިފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ސިންގަޕޫރު ގައެވެ.

ކިމް ދަތުރު ކުރަމުންދިޔަ ރެއިލް ވެއެޓްނާމުގެ ޑޮންގް ޑަން ރެއިލް ސްޓޭޝަނަށް މަޑުކޮށްލުމުން އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުންވަނީ އެސަރަހައްދައް ޖަމާވެފައެވެ. ދަތުރުގެ ބާކީ ބައި ކިމް ފުރިހަމަކުރާނީ ކާރުގައެވެ. މިގޮތުން މިހާރުވަނީ ވެއެޓްނާމުގެ ހަނޯއީ އަށް ކިމް ދަތުރު ފަށާފައެވެ.
ޓުރަމްޕާ އެކު ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައި ވެއެޓްނާމުގެ ހަނޯއީގައެވެ. ބައްދަލުވުމަށް މިއަދުގެ ހަވީރުގެ ވަގުތެއްގައި ޓުރަމްޕް ދާނެކަމަށް މީޑިއާ ރިޕީޓުތައް ބުނެއެވެ.



