ކޫޑޯ މޯލްޑިވްސް އިން ފެންވަރު ދައްކާލަން އަކްޝޭ ކުމާރުގެ މުބާރާތަށް އިންޑިއާއަށް

ބޮލީވުޑްގެ މަޝްޙޫރު ފިލްމީތަރި އަކްޝޭ ކުމާރު އިންތިޒާމުކުރާ އަދި އިންޑިއާގެ އެންމެ ގިނަ މީހުން ބައިވެރިވާ ކޫޑޯ މުބާރާތަކަށް ދިއުމަށް "ކޫޑޯ ޑައިޑޯ ޖުކޫ މޯލްޑިވްސް" އިން ފަސް ދިވެހިން ތައްޔާރުވެއްޖެއެވެ.

މިމަހުގެ 22، 23 އަދި 24 ގައި ގުޖުރާތުގައި ހުންނަ ޕަންޑިތު ދީންދަޔާލް އުޕާދޭ އިންޑޯ ސްޓޭޑިއަމްގައި ކުރިއަށް ގެންދާ މިމުބާރާތުގައި ބައިވެރިވުމަށް ފަސް ދިވެހިންނާ ދެކޯޗުން ދިއުމަށްވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގައި ބައިވެރިވުމަށް ދާ ދިވެހިންނަނީ "ކޫޑޯ ޑައިޑޯ ޖުކޫ މޯލްޑިވްސް" އިން ހުނަރު ލިބިގެން ފައްކާވެފައި ހުރި ކުޅުންތެރިންނެވެ. މިމުބާރާތުގައި ބައިވެރިވާ ޓީމުގައި ކޫޑޯ މާލެ ބްރާންޗް 2 ކުޅުންތެރިން، ޝާކްސް މާޝަލް އާރޓް އެކަޑަމީގެ 2 ކުޅުންތެރިން އަދި ޝީން އަޓެމީ މޯލްޑިވްސްގެ 1 ކުޅުންތެރިއަކު ހިމެނެއެވެ.

މިދިޔަ ދެމަސް ތެރޭގައި ޓީމު މުބާރާތަށް ތައްޔާރުކުރުމުގައި ކުރިން ދެންނެވި ޖިމްތަކުން "ކޫޑޯ މޯލްޑިވްސް" އާއެކު ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން "ކޫޑޯ މޯލްޑިވްސް: ގެ ރައީސް އަޝްޙަމް ޢަބްދުﷲ ފާހަގަކުރެއްވިއެވެ.

ކޫޑޯ ބްލެކް ބެލްޓް އަދި އިންސްޓްރަކްޓަރ އަޝްޙަމް ޢަބްދުﷲ ގެ ދަށުން ދިވެހިރާއްޖޭގައި އުފެދުނު ކޫޑޯ ޑައިޑޯ ޖުކޫގެ ގޮފީގައި ޖަޕާނުގެ މިކްސްޑް އާޓްސްގެ ހުނަރު ކިޔަވައިދެމުން އަންނައިރު، ދުނިޔޭގެ 60 ޤައުމެއްގައި ކޫޑޯގެ ހުނަރުތައް ދަސްކޮށްދެމުން، ބޭނުން ކުރަމުން ދެއެވެ.

އެގޮތުން "ކޫޑޯ މޯލްޑިވްސް" ގެ ރައީސްގެ އިރުޝާދުގެ ދަށުން ރާއްޖޭގައިވެސް ޙަޔާތުގައި ދިމާވާ ނުރައްކާތެރި ޙާލަތްތަކުން ތިމާ ރައްކާތެރިވުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދޭއިރު، އޭގެތެރޭގައި އިދިކޮޅުން އަންނަ މިހާ ހިފަހައްޓާނެ ގޮތްތަކާއި، ވެއްޓިއްޖެ ޙާލަތެއްގައި ކަންތައްތައް ކުރާނެ ގޮތްތަކުގެ އިތުރުން ތަފާތު ގޮތްގޮތަށް އަނެކާ ލޮކް ކުރާނެ ގޮތްތައް ހިމެނެއެވެ.

ކޫޑޯގެ ފައުންޑަރއަކީ "ޖަޕަނީސް ޔޯކުޝިން ވޯލްޑް ޗެމްޕިއަން" ޖުކޫޗޯ އަޒުމާ ޓަކާޝީއެވެ.

'ކޫޑޯ މޯލްޑިވްސް" މިހާތަނަށް ބައިނަލްއަޤުވާމީ 6 މުބާރާތެއްގައި ބައިވެރިވެފައިވެއެވެ. އަދި ކޫޑޯގެ ދެ ވޯލްޑް ކަޕެއްގައި ބައިވެރިފައިވާއިރު، އެއީ 2011 ވަނަ އަހަރު ރަޝިއާގައި ބޭއްވި މުބާރާތާއި 2017 ވަނަ އަހަރު އިންޑިއާގައި ބޭއްވި މުބާރާތެވެ. މީގެއިތުރުން ޖަޕާނުގައި ކުރިއަށްދިޔަ ހޮކުޓޮކީ ކޫޑޯ ޗެމްޕިއަންޝިޕްސް ދެ މުބާރާތެއްގައިވެސް "ކޫޑޯ މޯލްޑިވްސް" އިން ބައިވެރިވެފައިވެއެވެ. އެއީ 2009 ވަނަ އަހަރުގައާއި 2018 ވަނަ އަހަރުގައެވެ.

އަދި 2011 ވަނަ އަހަރު އިންޑިއާގައި ކުރިއަށްދިޔަ ފުރަތަމަ ސައުތު އޭޝިއަންސް ކޫޑޯ ޗެމްޕިއަންޝިޕްސްގައާއި، 2017 ވަނަ އަހަރު ޖަޕާނުގައި ކުރިއަށްދިޔަ އޭޝިއާ ކޫޑޯ ޗެމްޕިއަންޝިޕްސްގައިވެސް "ކޫޑޯ މޯލްޑިވްސް" އިން ބައިވެރިވެފައިވެއެވެ. އަދި ސައުތު އޭޝިއަން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ސުހެއިލް 3 ވަނަ ހޯދިއިރު، އިސްމާޢީލް ސުޙެއިލްވަނީ 16 އަހަރުން ދަށުގެ ބައިން 1 ވަނަ ހޯދާފައެވެ.

"ކޫޑޯ މޯލްޑިވްސް" އިން ބުނިގޮތުގައި އެފަރާތްތަކުން މިހާތަނަށް ބައިވެރިވި މުބާރާތްތަކުގައި ވާދަކުރަންޖެހިފައިވަނީ ރަނގަޅު ވަޞީލަތްތަކާއެކު ފުރިހަމައަށް ތައްޔާރުވެފައިވާ ވަރުގަދަ ކުޅުންތެރިންނާއިކަމަށާއި، އެމީހުންނާއި އެއްފަދަ ވަޞީލަތްތަކެއް ރާއްޖޭގައި ނެތްނަމަވެސް ރާއްޖޭގެ ކުޅުންތެރިން މުބާރާތްތަކުގައި ދައްކާ ހިތްވަރަށް އައްސަރިބަހާ ސާބަސް ޙައްޤުކަމަށެވެ.

އަދި ރަނގަޅު ވަޞީލަތްތަކާއެކު ރާއްޖޭގެ ކުޅުންތެރިން މީގެ އެތަށް ގުނައަކަށް ކުރިއަރައިގެންދާނެކަމަށްވެސް "ކޫޑޯ މޯލްޑިވްސް" އިން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ