ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް - ފޮޓޯ: ފެށުން

ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް އެމްޑީޕީއަށް ސޮއިކޮށްފި

ޕީޕީއެމްގެ ނުފޫޒުގަދަ ސިޔާސީ ބޭފުޅެއް ކަމަށްވާ ހދ. ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

އަފްރާޙް އެމްޑީޕީއަށް ސޮއިކޮށްފައިވަނީ،މިހާރު އެމްޑީޕީ ކުރިނބީ ޖަގަހައިގައި ކުރިއަށްދާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ވޭތުވެދިޔަ ތިން ދައުރުގައިވެސް ކުރިނބީ ކައުންސިލްގެ އިންތިޚާބު ކާމިޔާކޮށްފައިވާ، މުޙައްމަދު އަފްރާޙްއަކީ އެންމެ ފުރަތަމަ އިންތިޚާބީ ކުރިނބީ ކައުންސިލްގެ ރައީސްއެވެ.

ފުރަތަމަ ދައުރުގައި އަފްރާޙް ޑީއާރުޕީއިން އިންތިޚާބުވެ، ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާއިރު، ދެވަނަ ދައުރުގައި ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބުކޮށް ކައުންސިލްގެ މެމްބަރުކަން ކުރައްވާފައިވާއިވެއެވެ. އަދި މިދައުރުގައި އަފްރާޙް ކައުންސިލްގެ ރައީސްކަން ކުރައްވަނީ ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބު ކޮށްގެންނެވެ.

ކުރިނބީ ކައުންސިލްގެ ރައީސް އެމްޑީޕީއަށް ސޮއިކުރުމާއެކު، ތިން މެންބަރުން ހިމެނޭ ކުރިނބީ ކައުންސިލްގެ މެޖޯރިޓީ ވަނީ އެމްޑީޕީއަށް ލިބިފައެވެ. މިހާރު ކުރިނބީ ކައުންސިލްގެ ނައިބު ރައީސް ފިޔަވާ ދެން ތިއްބެވި ދެބޭފުޅުންނަކީ އެމްޑީޕީގެ މެންބަރުންނެވެ.

އަފްރާޙް އެމްޑީޕީއަށް ގުޅިވަޑައިގަތުމަށްފަހު ވިދާޅުވީ، ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހެޔޮހިތުން ބަލައިގަނުމުގެ ގޮތުން ކަމަށާއި، ސިޔާސީގޮތުން ނިންމެވި މި ނިންމެވުމަކީ ރަށުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށެވެ.

އަފްރާޙް އެމްޑީޕީއަށް ގުޅިވަޑައިގަތް ހާއްޞަ ރަސްމިއްޔާތުގައި ތިލަދުންމައްޗަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސިޔާސީ އިސް ބޭފުޅުންގެ އިތުރުން އެމްޑީޕީއަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ