މެޗުތަކުގައި ބޯޅައަށް އަރަނީ ކާއެއްޗެހި އަޅާފައި ހުންނަ ތައްޓަކަށް ދާހެންކަމަށް ރެއަލްމެޑްރިޑްގެ މެދުތެރެއަށް ކުޅެމުން އަންނަ ކަސެމީރޯ ބުނެފިއެވެ.
ބޯޅަ ހޯދުމަށް ނުރައްކާތެރި ޓެކްލްތަކެއް ދަނޑުމަތީ ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަސެމީރޯގެ މިޓެކްލްތަކަށް އޭނާއަށް ބާރު ލިބިގެންދަނީ ކާ އެއްޗެއްސަށް އޭނާ ގަޔާވާ މިންވަރުކަން ހާމަކޮށްދީފައިވަނީ މޫވީ ސްޓާރ ޕްލަސްއަށް ދީފައިވާ އިންޓަރވިއުއެއްގައެވެ.
"އެއީ 90 ވަނަ މިނަޓްގައި ކަމަށްވިއަސް އަހަރެން ބޯޅައަށް އަރާނީ ނުރައްކާތެރިކޮށް. އަހަރެން އަބަދުވެސް ބޯޅައަށް އަރަނީ ކާ ތައްޓަކަށް ދާހެން." ކަސެމީރޯ ބުންޏެވެ.
މީގެއިތުރުން ކަސެމީރޯ ބުނީ، އޭނާ ހުރިހާ ބޯޅައަކާވެސް ކުރިމަތިލަނީ އެއީ އޭނާގެ ފަހު ބޯޅަކަމަށް ބަލައިގެންކަމަށެވެ.
ޒިދާން އިރުޝާދުގެ ދަށުން ރެއަލްމެޑްރިޑްގެ ފުރަތަމަ 11 ޖާގަ ހޯދަމުން އަންނަ ކަސެމީރޯ ރެއަލްމެޑްރިޑްގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާއަކީ ޒިދާން ވަރަށް ކަމުދާ ކުޅުންތެރިއެކެވެ.
އެހެންނަމަވެސް ޒިދާން ކްލަބާއި ޙަވާލުވެ ކުރީކޮޅުގައި، ކުޅުމުގެ ފުރުޞަތު ނުލިބުމުން ޒިދާން އޮފީހަށް ގޮސް އެކަމާ ޝަކުވާކޮށްފައިވާކަމަށްވެސް ކަސެމީރޯވަނީ ބުނެފައެވެ.
އަދި ކަސެމީރޯ ބުނީ، އެދުވަހު ޒިދާން އޭނާ ގާތު ހަމަޖެހެން ބުނިކަމަށާއި، އޭނާ ކުޅެއް ފެއްޓުމުން ހުއްޓުމެއް ނާންނާނެކަމަށްވެސް ޒިދާން ބުނިކަމަށެވެ



