ޔޫއެފާ ޔޫރޯ ކޮލިފިކޭޝަންގައި ރޭ އެއްކުޅުންތެރިއަކު މަދުކޮށް ކުޅުނު ޖަރުމަނީ ގުންޑޯގަންގެ އެހީއާއެކު އެސްޓޯނިއާ ބަލިކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މިމެޗުގެ ބޮޑުބައި އެއްކުޅުންތެރިއަކު މަދުކޮށް ކުޅެން ޖަރުމަނީއަށް މަޖުބޫރުވީ މެޗުގެ 14 ވަނަ މިނަޓްގައި އެމްރެ ޗޭންއަށް ދެއްކި ރަތްކާޑުގެ ސަބަބުންނެވެ. އެސްޓޯނިއާގެ ފޯވާޑު ފްރޭންކް ލީވަކްއަށްކުރި ފައުލަކާއި ގުޅިގެން ޗޭންއަށް ދެއްކި މިރަތްކާޑަކީ އޭނާގެ ކެރިއަރުގައި ދެއްކި ފުރަތަމަ ރަތްކާޑެވެ.
މިދެޓީމު ކުރިން ބައްދަލުކުރި މެޗު ފަސޭޙަކަމާއެކު 8-0 ގެ ނަތީޖާއަކުން ޖަރުމަނީ ކާމިޔާބުކޮށްފައިވީނަމަވެސް މެޗުގެ ކުރީކޮޅު ޗޭންއަށް ދެއްކި މިރަތްކާޑާއެކު ޖަރުމަނަށް މެޗު އުނދަގޫވިއެވެ. ނަމަވެސް ހިތްވަރަށް ކުޑަވެސް ބަދަލެއްނައި ކުޅެމުން ޖަރުމަނުން ފުރަތަމަ ހާފުގައިވެސް ލަނޑެއްޖަހަށް އެތަށް މަސައްކަތެއް ކޮށްފައިވެއެވެ. އަދި ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގައި މާކޯ ރުއީސް ފޮނުވާލި ނުރައްކާތެރި ހިލޭ ޖެހުމަށް އެސްޓޯނިއާގެ ގޯލް ދަނޑިއާވަނީ އަމާޒުވެފައެވެ.
ޖަރުމަނީގެ އުއްމީދުތައް އާވެގެންދިޔައީ ވިހި މީޓަރު ދުރުން މެޗުގެ 51 ވަނަ މިނަޓްގައި ގުންޑޯގަން ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. އަދި އޭގެ ހަމިނަޓް ފަހުން އިތުރު ލަނޑެއްޖަހައި ގުންޑޯގަން ޖަރުމަނީއަށް ލީޑު އިތުރަށް ފުޅާކޮށްދިނެވެ. އަދި މެޗުގެ 71 ވަނަ މިނަޓްގައި ޓިމޯ ވާނާރ ކާމިޔާބުކޮށްދިން ލަނޑެއް ފެނިގެން ދިޔަ މިމެޗު ޖަރުމަނީ ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މޮޅާއެކު މިހާތަނަށް ލިބުނު 15 ޕޮއިންޓާއެކު ގްރޫޕް ސީ ގެ ދެވަނާގައި ޖަރުމަނީއަށް ހިފަހައްޓާލެވުނުއިރު، އެއްވަނާގައި އޮތް ނެދަލެންޑްއަށްވެސް ލިބިފައިވަނީ 15 ޕޮއިންޓެވެ.




