ޔޫރޯ ކޮލިފައިން - ބެލްޖިއަމްއާއި ރަޝިއާ ކޮލިފައިވިއިރު، ބޭލް ވޭލްސްގެ އުންމީދު ދަމަހައްޓައިފި

ޔޫއެފާ ޔޫރޯ 2020 އަށް ބެލްޖިއަމްއާއި ރަޝިއާ ކޮލިފައިވިއިރު، ބޭލް ވޭލްސްގެ އުންމީދު ދަމަހައްޓައިފިއެވެ.

އަމިއްލަ ދަނޑުގައި ކޮރޭޝިއާއާއި ދެކޮޅަށް ރޭ ވޭލްސް ނުކުތްއިރު، ގްރޫޕް ފަހަތުން ދެވަނާގައި އޮތް ވޭލްސް މެޗުން ބަލިނުވެ ހިފަހައްޓާލަން ކޮންމެހެންވެސްވަނީ މަޖުބޫރުވެފައެވެ.

އެހެންނަމަވެސް މެޗުގެ ފެއްޓި ރަނގަޅަށް ގޭމަށް ނުވަދެވި އުޅެނިކޮށް ކޮރޭޝިއާއިންވަނީ ލަނޑެއްޖަހައި ވޭލްސްގެ މަސައްކަތް ދެގުނައަށް އިތުރުކޮށްލާފައެވެ. މެޗުގެ 9 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކޮރޭޝިއާއަށް ކާމިޔާބުކޮށްދިނީ ނިކޯލާ ވްލަސިޗްއެވެ.

ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެދުގައި ވޭލްސްއަށް ހިތްވަރު ލިބިގެންދިޔައި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބޭލް ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. އިތުރު ލަނޑެއްޖަހާނެ މާގިނަ ފުރުޞަތުތަކެއް އެއްވެސްޓީމަކަށް ނުލިބުނު މިމެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ޔޫރޯ 2020 އަށް ކޮލިފައިވުމުގެ ފުރުޞަތު އަދިވެސް ވޭލްސްއަށް އޮތްއިރު، ބާކީ ދެމެޗުން ކޮންމެހެންވެސް މޮޅުވާންޖެހެއެވެ. އަދި ވޭލްސް ކޮލިފައިވުމަށް ސްލޮވޭކިއާ އެއް މެޗުން ދަށްވާންޖެހޭއިރު، ކުރިއަށްއޮތް މެޗުގައި އެޓީމާއި ދެކޮޅަށް ނުކުންނަ ކޮރޭޝިއާގެ އެހީ ވޭލްސް ބޭނުންވެއެވެ.

ހަ މެޗުން ލިބުނު ޖުމްލަ 8 ޕޮއިންޓާއެކު ގްރޫޕް އީ ގެ ހަތަރު ވަނާގައި ވޭލްސްއޮތްއިރު ތިންވަނާގައި އޮތް ސްލޮވޭކިއާއަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.

ރޭ ކަޒަކަސްތާނު އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެ، 24 ޕޮއިންޓާއެކު ގްރޫޕް އައި ގެ އެއްވަނައިގެ ގޮތުގައި ބެލްޖިއަމް ޔޫރޯ 2020 އަށް ކޮލިފައިވެފައިވާއިރު، ރޭ މެޗުގައި ބެލްޖިއަމްއަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ބަޓްޝުއާއީއާއި މެއުނިއާއެވެ.

އަދި ގްރޫޕް އައި ގެ ދެވަނައިގެ ގޮތުގައި ރަޝިއާ ޔޫރޯ 2020 އަށް ކޮލިފައިވެފައިވާއިރު، ކޮލިފައިންގައި ކުޅުނު ފަހު މެޗުން ރޭ ސައިޕްރަސްއާއި ބައްދަލުކޮށް ރަޝިއާ މޮޅުވެފައިވަނީ 0-5 ގެ ނަތީޖާއަކުންނެވެ. ރަޝިއާއަށް ލިބިފައިވަނީ ޖުމްލަ 21 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ