ރެއަލްމެޑްރިޑުގެ ކުރިއަށް ކުޅެމުން އަންނަ ގްރެތު ބޭލް އެނބުރި ޕްރިމިއާ ލީގަށް އަންނަން ބޭނުންވާކަން ހާމަކޮށްފިއެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި މިރޭ ފިންލޭންޑާއި ދެކޮޅަށް ވޭލްސް ކުޅޭ މެޗުގެ ކުރިން ބޭންވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ބޭލް ބުނީ، އޭނާ ޤައުމީ ޓީމާއެކު ވަގުތު ހޭދަކުރަން ބޭނުންވާވަރު ހުރިހާ އެންމެންނަށްވެސް އެނގޭނެކަމަށާއި، ސަޕޯރޓް ލިބޭ އަދި ކުރާ މަސައްކަތް ބަލައިގަންނަ ބަޔެއްގެ ގާތަށް އާދެވެމުން ހިތްހަމަޖެހޭކަމަށެވެ.
ބޭލް އާއި ރެއަލްމެޑްރިޑާއި ގިނަ މައްސަލަތަކެއް ޖެހިފައިވާއިރު، ބޭލް އެންމަފަހުން ރެއަލްމެޑްރިޑަށް މެޗެއް ކުޅެދީފައިވަނީ ޖޫން 24 ގައެވެ. މިފަހަކަށް އައިސް ރެއަލްމެޑްރިޑުގެ ބެންޗުން ޖާގަ ލިބެމުން އަންނަ ބޭލްއަށް ގިނަ މެޗު ނިމޭއިރުވެސް ކުޅުމުގެ ފުރުޞަތެއް ނުލިބެއެވެ. މިދިޔަ އަހަރު ބޭލް ޗައިނާއަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއްވެސްވަނީ ފެތުރިފައެވެ.
ޗައިނާއަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކަށްފަހު، ރެއަލްމެޑްރިޑުން ބޭލްއަށް ފުރުޞަތު ލިބިފައިވަނީ 20 މެޗުންނެވެ. ކޮވިޑް-19 އާއި ގުޅިގެން ކުޅުން މެދުކަނޑާލުމަށްފަހު އަލުން ފެށިފަހުން ރެއަލްމެޑްރިޑުން ބޭލްއަށް ފުރުޞަތު ލިބުނީ އެންމެ 2 މެޗުގައެވެ.
ބޭލް ބުނީ އޭނާ ފުޓްބޯޅަ ކުޅެން ބޭނުންވާކަމަށާއި، ރެއަލްމެޑްރިޑުން އޭނާއަށް ފުރުޞަތު ދީިފިނަމަ އެނބުރި ޕްރިމިއާ ލީގަށް އަންނަން ބޭނުންވާކަމަށެވެ. އަދި އޭނާގެ މުސްތަޤުބަލާމެދު ގޮތް ނިންމުމުގެ ބާރުއޮތީ ރެއަލްމެޑްރިޑު އަތުގައިކަމަށާއި، މިދިޔަ އަހަރުވެސް އެހެން ކްލަބަކަށް ބަދަލުވާން މަސައްކަތްކުރުމުން އެކަން ހުއްޓުވީ ރެއަލްމެޑްރިޑުންކަމަށް ބޭލް ބުންޏެވެ.
އުމުރުން 31 އަހަރުގެ ބޭލް ބުނީ އެނާއަށް އަދިވެސް ރަނގަޅު ކުޅުމެއް ދެއްކޭނެކަމަށް ޤަބޫލުކުރާކަމަށެވެ.
ވޭލްސް އޮތީ ޔޫއެފާ ނޭޝަންސް ލީގު ބީ ގެ ގްރޫލް 4 ގަައެވެ. ވޭލްސް ފިންލޭންޑާއި ދެކޮޅަށް މިރޭ ނުކުންނައިރު، އާދިއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ބަލްގޭރިއާއާއި ދެކޮޅަށެވެ.



