ވާހަކަދަނީ ދެކެވެމުން، ބޭލް ބޭނުންވަނީ އެނބުރި ޓޮޓޭންހާމްއަށް ދާން: އެޖެންޓް

ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ގެރެތު ބޭލް އޭނާ ކުރި ކުޅުނު ކްލަބްކަމަށްވާ ޓޮޓޭންހާމް ހޮޓްސްޕާއަށް ދާން ބޭނުންވާކަށް ބޭލްގެ އޭޖެންޓް ޖޮނަތަން ބާނެޓް ހާމަކޮށްފިއެވެ.

އަދި އެކަމާއި ގުޅިގެން ޓޮޓޭންހާމްއާއި ވާހަކަތައް ކުރިއަށް ގެންދާކަމަށްވެސް އޭޖެންޓް ބުންޏެވެ.

ޕްރިމިއާ ލީގަށް މީގެކުރިންވެސް އަންނަން ބޭނުންވެފައިވާކަން ހާމަކޮށްފައިވާ ބޭލްއާއި މިހާރު ކުޅެމުން އަންނަ ރެއަލްމެޑްރިޑާއި މައްސަލަތަކެއް ޖެހިފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. ބޭލް އެންމަފަހުން ރެއަލްމެޑްރިޑަށް މެޗެއް ކުޅެދީފައިވަނީ ޖޫން 24 ގައެވެ. މިފަހަކަށް އައިސް ރެއަލްމެޑްރިޑުގެ ބެންޗުން ޖާގަ ލިބެމުން އަންނަ ބޭލްއަށް ގިނަ މެޗު ނިމޭއިރުވެސް ކުޅުމުގެ ފުރުޞަތެއް ނުލިބެއެވެ. މިދިޔަ އަހަރު ބޭލް ޗައިނާއަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއްވެސްވަނީ ފެތުރިފައެވެ.

"ބޭލް އަދިވެސް ލޯބިވަނީ ސްޕާސް ދެކެ. އެނބުރި ދާންވެސް ބޭނުންވޭ. އަދި އެކަމާއި ގުޅިގެން މިދަނީ ވާހަކަތައް ދެކެވެމުން." ބޭލް އޭޖެންޓް ޖޮނަތަން ބާނެޓް ބުންޏެވެ.

ރިޕޯރޓްތައް ބުނާގޮތުން ޓޮޓޭންހާމްގެ އިތުރުން މެންޗެސްޓާރ ޔުނައިޓެޑުންވެސް ބޭލް ޝަޢުޤުވެރިކަންވަނީ ފާޅުކޮށްފައެވެ.

މިމަހުގެ ކުރީ ކޮޅު ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން އުމުރުން 31 އަހަރުގެ ބޭލް ބުނީ، އެނާއަށް އަދިވެސް ރަނގަޅު ކުޅުމެއް ދެއްކޭނެކަމަށް ޤަބޫލުކުރާކަމަށާއި އަދިވެސް ފުޓްބޯޅަ ކުޅެން ބޭނުންވާއިރު، ރެއަލްމެޑްރިޑުން އޭނާއަށް ފުރުޞަތު ދީިފިނަމަ އެނބުރި ޕްރިމިއާ ލީގަށް އަންނަން ބޭނުންވާކަމަށެވެ. އަދި އޭނާގެ މުސްތަޤުބަލާމެދު ގޮތް ނިންމުމުގެ ބާރުއޮތީ ރެއަލްމެޑްރިޑު އަތުގައިކަމަށާއި، މިދިޔަ އަހަރުވެސް އެހެން ކްލަބަކަށް ބަދަލުވާން މަސައްކަތްކުރުމުން އެކަން ހުއްޓުވީ ރެއަލްމެޑްރިޑުންކަމަށް ބޭލް ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ