މިނިސްޓަރ ނަހުލާ / ފޮޓޯ:ސަން

ފަރުވާ ކުޑަ މުވައްޒަފުންނަށް ފިޔަވަޅު އަޅާނަން: ނަހުލާ

ޓްރާސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި ފަރުވާ ކުޑަކުރާ ކޮންމެ މުވައްޒަފަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

ނަހުލާ މިހެން ވިދާޅުވީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް މިއަދު ވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީގެ ދާއިރާގައި ހިމެނޭ އެއްވެސް ތަނަކުން ހިދުމަތް ހޯދަން އަންނަ ރައްޔިތު މީހާއާމެދު ނިކަމެތިކޮށް އަމަލު ކުރާތަން ފެނުމަކީ މިނިސްޓަރެއްގެ ހައިސިއްތުން އޭނާ ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

ނަހުލާ ވިދާޅުވީ އެއްވެސް ރައްޔިތަކާމެދު ނިކަމެތިކޮށް އަމަލުކުރާ ތަން ފެނުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި، ވަކިން ޚާއްސަކޮށް ޓްރާންސްޕޯޓް މިނިސްޓްރީން ނުވަތަ އެ މިނިސްޓްރީގެ ދަށުން ހިންގާ އެއްވެސް އިދާރާއަކުން ޚިދުމަތް ހޯދަން ދާ ރައްޔިތަކާމެދު ނިކަމެތިކޮށް ކަންކަން ކޮށްފިނަމަ އެއީ ކޮންމެ މުވައްޒަފަކަށް ވިޔަސް އެކަމަނާ މަޤާމުގައި ހުންނެވިހާ ދުވަހަކު ފިޔަވަޅު އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންނަށްވުރެ ގިނައީ ފެންވަރު ދަށް، ދެރަވަރުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށާއި، އެކަން ހައްލު ކުރަން ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް ފަސް ޖެހިވަޑައި ނުގަންނަވާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވާ އޯޑިއޯއެއް މީގެ ކުރިން އާންމުވެފައިވާއިރު، އެމިނިސްޓްރީގެ މުވައްޒިފުންތަކެއް ވަޒީފާއިން ކަނޑާލުމުގެ ނިޔަތުގައި ނަހުލާ ކަންތައްތަކެއް ކުރައްވާ ކަމަށް ތުހުމަތުކޮށް އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒިފުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރަން އެދި ޕެޓިޝަނަކާއެކު ސިޓީއެއް ފޮނުވާފައިވެއެވެ.

މީގެއިތުރުން ނަހުލާ ވިދާޅުވީ އުސޫލުތަކުން މަސައްކަތް ކުރާ އެއްވެސް މުވައްޒިފަކަށް ބިރެއް ނެތްކަމަށާއި އެއްވެސް މުވައްޒިފަކާ މެދު އިންސާފުން ބޭރުން ފިޔަވަޅެއް އަޅުއްވާފައި ނުވާނެކަމަށާއި އެފަދައިން ފިޔަވަޅެއް ނުވެސް އަޅުއްވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ