ޔޫއެފާ ޔޫރޯ ކޮލިފިކޭޝަންގައި ރޭ ޔޫކްރެއިންއާއި ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް ދަށްވިނަމަވެސް ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކެރިއަރުގައި ޖެހި ލަނޑުގެ އަދަދު 700 އަށް ރޭ އަރުވައިފިއެވެ.
ޔޫކްރެއިންގައި ކުޅުނު މިމެޗުން ޕޯޗުގަލް ދަށްވ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފެއްޓުމާއެކުހެން ލަނޑެއްޖަހައި ޔޫކްރެއިންއިން ޕޯޗުގަލް ސިއްސުވާލިއިރު، ޔޫކްރެއިނުން ފުރަތަމަ ހާފު ނިންމާލީ ދެލަނޑުގެ ލީޑެއްގައި އޮވެއެވެ. ފުރަތަމަ ލަނޑު މެޗުގެ 6 ވަނަ މިނަޓްގައި ޔަރެމްޗަކް ޔޫކްރެއިންއަށް ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ސްޓެޕަނެންކޯ ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 27 ވަނަ މިނަޓްގައެވެ.
ވަރުގަދަ ކުޅުމެއް ދެއްކި ޕޯޗުގަލްގެ އެއްވެސް ހަމަލާއެއް ކާމިޔާބުވާގޮތްވެފައި ނުވާއިރު، ޕޯޗުގަލްއަށް ސުމެއް ކަނޑުވާލުވާލެވުނީ ލިބުނު ޕެނަލްޓީއަކުންނެވެ. 72 ވަނަ މިނަޓްގައި މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މިއީ ކެރިއަރުގައި ރޮނާލްޑޯޖެހި 700 ވަނަ ލަނޑެވެ. އަދި ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިންގެ ލިސްޓްގެ ދެވަނާގައި އޮންނަ ރޮނާލްޑޯ ރޭގައި ޖެހި ލަނޑަކީ ޕޯޗުގަލް ޖާޒީގައި އޭނާ ޖެހި 95 ވަނަ ލަނޑެވެ. 109 ލަނޑާއެކު މިލިސްޓްގެ އެއްވަނާގައި އޮންނަނީ އީރާނުގެ ލެޖެންޑް ޢަލީ ދައެއީއެވެ.
7⃣0⃣0⃣@Cristiano has scored his 700th career goal as Portugal have one back against ten-man Ukraine pic.twitter.com/rvIbZH1CRd
— Sky Sports Football (@SkyFootball) October 14, 2019
ފަސްފަހަރު ބެލެންޑޯ ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ފުރަތަމަ ކްލަބު ސްޕޯޓިންއަށް 5 ލަނޑު ކާމިޔާބުކޮށްދިންއިރު، މެންޗެސްޓާރ ޔުނައިޓެޑަށްވަނީ 292 މެޗުން 118 ލަނޑު ކާމިޔާބުކޮށްދީފައެވެ. ސްޕެއިންގެ ރެއަލްމެޑްރިޑަށް 438 މެޗުން 450 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އަދި މިދިޔަ އަހަރު އިޓަލީގެ ޔުވެންޓަސްއާއި ގުޅުނު ރޮނާލްޑޯވަނީ ޔުވެންޓަސް ޖާޒީގައި މިހާތަނަށް 32 ލަނޑު ކާމިޔާބުކޮށްފައެވެ. ރޮނާލްޑޯ 700 ލަނޑު ހަމަކޮށްފައި މިވަނީ 976 މެޗުންނެވެ.
ރޭގެ މެޗުން މޮޅުވެ ޔޫކްރެއިންވަނީ ޔޫއެފާ ޔޫރޯ 2020 އަށް ކޮލިފައިވެފައެވެ. ޔޫކްރެއިންއަށް ބާކީ އަދި 1 މެޗު އޮތްއިރު 8 ޕޮއިންޓްގެ ލީޑަކާއެކު އެޓީމުއޮތީ ގްރޫޕް ބީ ގެ އެއްވަނާގައެވެ.




