ޔޫއެފާ ޔޫރޯ ކޮލިފިކޭޝަންގައި ރޭ ފްރާންސް އަދި ޓާކީ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެން ނިމިއްޖެއެވެ.
މުޅި މެޗުގެ ކޮންޓްރޯލް ފްރާންސްއަތުގައި އޮތްއިރު އެޓީމުންވަނީ ޓާކީއަށް ވަރަށް ބޮޑަށް ނުރައްކާކޮށްފައެވެ، އެހެންނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ފުލުފުލުން ހަމަލާތައް އުފައްދަމުންއައި ފްރާންސްއަށް މެޗުގަ ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ 76 ވަނަ މިނަޓްގައެވެ. ގްރިޒްމަންގެ ކޯނަރަކުން ބޮލުންޖަހައި މިލަނޑު ކާމިޔާބުކޯށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ޗެލްސީއަށް ކުޅެމުން އަންނަ އޮލިވާ ޖިރޫޑެވެ.

އެހެންނަމަވެސް ފްރާންސްގެ މިލަނޑާއެކު ޓީމަށް ރަނގަޅަށް ހަމަނުޖެހިވި އުޅެނިކޮށް އޭގެ ފަސް މިނަޓް ފަހުން ޓާކީއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކާން އާޔަންއެވެ.
މިނަތީޖާއަށް ފަހު ގްރޫޕް އެޗް ގެ އެއްވަނާގަ ޓާކީއަށް ލިބެނީ މިދެޓީމު ކުރިން ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ޓާކީ ކާމިޔާބުކޮށްފައިވާތީއެވެ. ޓާކީ އަދި ފްރާންސަށްވެސް ޖުމްލަ ލިބިފައިވަނީ 19 ޕޮއިންޓެވެ.




