ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ އަމާޒުތަކަށް އިންޑިއާއިން ވައިގެ ހަމަލާތަކެއް ދީފިއެވެ.
އިންޑިއާގެ ފޮރިން ސެކެރެޓަރީ ވިޖޭ ގޯހޭލް ބުނެފައިވަނީ، ހަނގުރާމަމަތީ ޖެޓުތައް ބޭނުން ކޮށްގެން ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ އަމާޒުތަކަށް ހަމަލާދީ ހަނގުރާމަވެރިންގެ އިސް ކޮމާންޑަރުންނާއި އަދި އިތުރު އެތަކެއް ހަނގުރާމަވެރިން ތަކެއް މަރާލެވިފައި ވާކަމަށާއި މި ހަމަލާ ތަކުގައި އެއްވެސް އާންމުންގެ މީހަކަށް ގެއްލުން ލިބިފައި ނުވާކަމަށެވެ.
ޕާކިސްތާނުގެ ދިފާއީ ބާރުން ބުނެފައިވަނީ އިންޑިއާގެ ހަނގުރާމަމަތީ ޖެޓުތައް ޕާކިސްތާނުގެ ސަރަހައްދަށް ވަދެފައި ވާކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.
އިންޑިއާއިން ޕާކިސްތާނުގެ ސަރަހައްދަށް ހަމަލާ ދީފައި މިވަނީ މިމަހުގެ ކުރީކޮޅު އިންޑިއާ ސިފައިންނަށް އަމާޒުކޮށް ކަޝްމީރުގައި ހަނގުރާމަވެރިން ދިން ހަމަލާއެއްގައި އިންޑިއާ ސިފައިންގެ 46 މީހުން މަރާލައިފައި ވަނިކޮށެވެ.
ކަޝްމީރަކީ އަބަދުވެސް ހަމަނުޖެހުން ހިނގާ ސަރަހައްދެކެވެ. ހާއްސަކޮށް މިސަރަހައްދުގައި އިންޑިއާއިން ގެންގުޅޭ ހަރުކަށި ގޮތްތަކާއި ދެކޮޅަށް މިސަރަހައްދުގެ ރައްޔިތުން ހިތްހަމަ ނުޖެހުން އަބަދުވެސް ފާޅުކުރަމުން ދެއެވެ.