ޖެނިފާގެ ފުރަތަމަ އިންސްޓަގްރަމް ފޮޓޯވެސް "ފްރެންޑްސް"އާއެކު!

ނަވާރަސަތޭކަ ނުވަދިހަ ހަތަރުވަނަ އަހަރު ނުކުތް ދުނިޔޭގެ އެންމެ ކާމިޔާބު ޓީވީ ޝޯ "ފްރެންޑްސް" ގެ ތަރި ޖެނިފާ އެނިސްޓަން، ޝޯގެ ނަމުންނަމަ "ރޭޗަލް"އަކީ، މީސްމީޑިއާއާ ވަރަށް ދުރުން އުޅޭ ތަރިއެކެވެ. ނަމަވެސް އެންމެފަހުން ޖެނިފާވެސް މިވަނީ، މީސްމީޑިއާއާއި ގުޅި އިންސްޓަގްރަމްގައި އޭނަގެ ރަސްމީ އެކައުންޓެއް ހުޅުވާފައެވެ.

ޖެނިފާ އިންސްޓަގްރަމްގައި އިއްޔެ އެކައުންޓެއް ހުޅުވާފައިވާއިރު، މި ވާހަކަވެގެންގޮސްފައިވަނީ، މީސްމީޑިއާގައި މިވަގުތު އެންމެ ފޯރިއާއެކު ދެކެވެމުންއަންނަ ވާހަކައަށެވެ. އަދި މީގެ ތެރެއިންވެސް އާއްމުންގެ ލޮލުގައި އެންމެ އަޅައިގަތީ، ޖެނިފާ އިންސްޓްގަރަމްގައި ހިއްސާކުރި އެންމެ ފުރަތަމަ ފޮޓޯއަށެވެ. އެއީ "ފްރެންޑްސް" ސީރީޒްގެ ހުރިހާ ތަރިންއާއެކު ހިއްސާކުރި ފޮޓޯއެވެ.

"ފްރެންޑްސް" އަށް ދާދިފަހަކުން 25 އަހަރު ފުރިފައިވީނަމަވެސް، މިހާ ހިސާބަށް އައިއިރުވެސް ޝޯގެ ތެރެއިން މިތަރިންގެ ދެމެދުގައި އުފެދިފައިވާ ރަހްމަތްތެރިކަމުގެ ގުޅުމަށް އެއްވެސް ބަދަލެއް އައިސްފައެއްނުވެއެވެ.

ޑޭވިޑް ޝްވިމާ(ރޮސް)، މެތިއު ޕެރީ(ޗޭންދްލާ)، މެޓް(ޗޯއީ)، ލީސާ ކުޑްރޯ(ފީބީ) އަދި ކޯޓްނީ ކޮކްޒް(މޮނިކާ) އާއެކު ޖެނިފާ ނަގާފައިވާ މި ފޮޓޯ އިންސްޓަގްރަމްގައި ޕޯސްޓް ކުރުމާއެކު، "ފްރެންޑްސް"ގެ ފޭނުންގެ ވަރަށް ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. މުޅި އިންސްޓަގްރަމް އަދި ސޯޝަލްމީޑިއާގެ ޕްލެޓްފޯމުތަކުގައި ފޭނުން މި ފޮޓޯ ހިއްސާކޮށް، ޖެނިފާ ސޯޝަލް މީޑިއާއަށް ވަނުމުން އުފާފާޅުކޮށްފައިވެއެވެ.

"ފްރެންޑްސް" ގެ ހުރިހާ ތަރިންނާއެކު ނަގާފައިވާ މި ފޮޓޯ ޖެނިފާ އިންސްޓަގްރަމްގައި ހިއްސާކުރަމުން، ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ" އަހަރެމެންނަކީ މިހާރު އިންސްޓަގްރަމްއިން ރައްޓެހިންކަމަށެވެ". މި ފޮޓޯ ހިއްސާކުރުމާއެކު، މި ފޮޓޯއަށް 5 ގަޑިއިރުގެ ތެރޭގައި ވަނީ ތިންމިލިއަނަށްވުރެ ގިނަ ލައިކްސްވެސް ލިބިފައެވެ.

ދުނިޔޭގެ އެންމެ ގިނަ ބޮޑު ފޭން ބޭސްއެއް އޮންނަ މި ސީރީޒްއަކީ، ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގުބޫލު ސީރީޒްއެކެވެ. މި ސީރީޒްއަށް ލިބެމުން އަންނަ މަގުބޫލުކަމަށް މިހާތަނަށް އައިރު އެއްވެސް ފަނޑުކަމެއް އައިސްފައިނުވާއިރު، މި ސީރީޒްގެ ހުރިހާ ތަރިންނަކީވެސް ހޮލީވުޑްގެ އެންމެ މަގުބޫލު ތަރިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ