އަބްދުﷲ ޖާބިރު / ފޮޓޯ : ރައީސް އޮފީސް

ޕާޓީއިން ކޮންމެ ފިޔަވަޅެއް އެޅިޔަސް ހެޔޮ، ވާދަކުރާނަން - ޖާބިރު

އެމްޑީޕީ އިން ކޮންމެ ފިޔަވަޅެއް އެޅިޔަސް ވަރިހަމަ ކަމަށް ވިދާޅުވެ، ކުރިން ވެސް ނިންމަވާފައިވާ ގޮތަށް ކާށިދޫ ދާއިރާ އަށް ވާދަކުރައްވާނެ ކަމަށް ރައީސްގެ ސްޕެޝަލް އެންވޯއީ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރަކީ ޕްރައިމަރީގައި ބަލިވާ މީހުންނަށް ވެސް އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ހެދުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޕާޓީތަކުގެ ޕްރައިމަރީގައި ބަލިވާ މީހުންނަށް ވެސް އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ހުކުމް ކުރައްވާފައެވެ.

ޕްރައިމަރީން ބަލިވި ކެނޑިޑޭޓުން ސުޕްރީމް ކޯޓުގެ ހުކުމާ އެކު އިންތިހާބުގައި ވާދަކޮށްފާނެތީ އެމްޑީޕީން ދަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ކުރާ މެމްބަރުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

"މީހަކު އެ މީހަކަށް ލިބިފައިވާ ހައްގެއްގެ ބޭނުންކޮށްގެން ފިޔަވަޅު އަޅަންޏާ އަޅަންވީ. އެފަދަ ކޮންމެ ފިޔަވަޅަކަށް ވެސް އަޅުގަނޑު ތައްޔާރު،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ އެތައް ބަޔަކު އެދިއެދި ތިއްބާ އެކަމަށް އޭނާ އަށް ފުރަގަސް ދެއްވޭކަށް ނޯންނާނެ ކަމަށާއި، އޭނާގެ ޕްލޭނަކީ ކާށިދޫ ދާއިރާގައި ހިމެނޭ، ކާށިދު އާއި ގާފަރު ތަރައްގީ ކުރުން ކަމަށެވެ.

ޖާބިރު ވިދާޅުވީ "ކުރިން ވެސް އަޅުގަނޑު ޕްލޭންކޮށްފައިވާ ގޮތަށް އަޅުގަނޑުގެ މިހާރުގެ ވެސް ޕްލޭނަކީ ކާށިދޫގައި އެއާޕޯޓް އަޅައި ޔުނިވާސިޓީއެއް ގާއިމްކުރުން،" ކަމަށެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕްރައިމަރީން އޭނާ ބަލިވީ، ޕްރައިމަރީ ފޭރިގަތީމަ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން ގޮނޑިއެއް މިހާރު އަޅުގަނޑު ކުރިމަތިލިޔަސް،" ޖާބިރު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ