އެމްޑީޕީގެ ކެންޑީޑޭޓެއް ޕޯޑީއަމެއްގައި ވާހަކަ ދައްކަވަނީ - ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރި އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ރޭ ފަތިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސުންގަޑި ހަމަވިއިރު މާލީ ބަޔާން ހުށަހަޅާފައި ނުވަނީ 39 ކެންޑިޑޭޓުން ކަމަށެވެ. މާލީ ބަޔާން ހުށަހެޅި ގޮތުގެ ހުލާސާ ތާވަލަކާއެކު ޝަރީފް ކުރެއްވި ޓްވީޓްގައި ވާގޮތުން، އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އެމްޑީޕީގެ 85 ކެންޑިޑޭޓުންވެސް މާލީ ބަޔާން ވަނީ ހުށަހަޅާފައެވެ.

އެމްޑީޕީގެ އިތުރުން މާލީ ބަޔާން ހުށަހެޅި އެހެން ޕާޓީތަކުގެ ތެރޭގައި ހިމެނެނީ ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ޑީއާރުޕީއެވެ. ޖުމްހޫރީ ޕާޓީން ވާދަކުރި 41 ކެންޑިޑޭޓުންނާއި، އެމްޑީއޭ އިން ވާދަކުރި 8 ކެންޑިޑޭޓުން އަދި ޑީއާރުޕީއިން ވާދަކުރި 5 ކެންޑިޑޭޓުންވެސް މާލީ ބަޔާން ހުށަހަޅާފައިވެއެވެ.

މި އިންތިޚާބުގައި ވާދަކުރި 386 ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހަޅާފައި ނުވަނީ، އަމިއްލަގޮތުން ވާދަކުރި 31 ކެންޑިޑޭޓަކުންގެ އިތުރުން ޕީޕީއެމްގެ 2 ކެންޑިޑޭޓުންނާއި، އެމްޓީޑީގެ 2 ކެންޑީޑޭޓުން، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ 2 ކެންޑިޑޭޓުންނާއި، ޕީއެންސީގެ ކެންޑިޑޭޓެއް އަދި އަދާލަތު ޕާޓީގެ ކެންޑިޑޭޓެކެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވެފައިވަނީ ރޭ މެންދަމު 12:00 އަށެވެ. ސުންގަޑި ހަމަވިއިރު މާލީ ބަޔާން ހުށަހަޅާފައިވަނީ ޖުމްލަ 347 ކެންޑިޑޭޓުންނެވެ.

އިންތިޚާބު ބާއްވާތާ 21 ދުވަހުގެ ތެރޭގައި ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމަކީ އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނުނުން، ކެންޑިޑޭޓުން ކޮންމެހެން ކުރަން މަތިކޮށްފައިވާ ކަމެކެވެ. އެކަން ނުކުރުމަކީ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިދާނެފަދަ އިންތިޚާބީ ކުށެކެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް